ސްޕެއިންގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ފާއިތުވި 4 ދުވަހު ދަށަށްދާން ފަށާފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މީގެ 10 ދުވަސް ކުރިން އެގައުމުގައި ދުވާލެއްގެ މައްޗަށް ދިހަހާހެއްހާ މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. ވައިރަސް ޖެހޭ މީހުންގެ އަދަދު ދަށަށްދާން ފަށާފައިވުމާއެކު އަލުން ލޮކްޑައުންއަކަށް ދާން ނުޖެހޭނެކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. އެގައުމުގައި އަންގާރަ ދުވަހު 8115 މީހުންނަށް ވައިރަސް ވަނީ ޖެހިފައެވެ. މިހާތަނަށް އައިއިރު 470،973 މީހުންނަށް ސްޕެއިންގައި ވައިރަސް ވަނީ ޖެހިފައެވެ.
ސްޕެއިންގައި އެންމެ ފުރަތަމަ ކޭސްތައް ފެންނަން ފެށުމާއެކު ލޮކްޑައުން ކޮށްގެން އެޅިފިޔަވަޅުތަކާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްވުމުން ލޮކްޑައުން ނިމުމަކަށް ގެނައީ ޖޫން މަހުގެ ފަހުކޮޅެވެ. އެއާއެކު އަނެއްކާވެސް ކޭސްތައް ފެންނަން ފެނުމުން އެގައުމުގައި ވަނީ ގިނަ ބަޔަކު ވައިރަހަށް ޓެސްޓް ކުރަން ފަށާފައެވެ.
ސްޕެއިންގެ ހެލްތު މިނިސްޓަރ ސަލްވަޑޯރ ވިދާޅުވީ އަލަށް ފެންނަ ކޭސްތަކާއެކު އެގައުމުގެ ހޮސްޕިޓަލްތަކަށް އަދި ބާރުބޮޑުވަމުން ނުދާ ކަމަށެވެ. އަދި މާރޗް މަހާއި އޭޕްރީލް މަހު އެގައުމުގައި ކޭސްތައް ފެނުނުއިރު މީހުން މަރުވަމުންދާ ރޭޓާއި އަޅާބަލާއިރު މިހާރު މީހުން މިބަލީގައި މަރުވާ ރޭޓް ދަށްކަމަށްވެސް ސަލްވަޑޯރ ވިދާޅުވިއެވެ. ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެގައުމުގައި މިބަލީގައި މަރުވެފައިވަނީ 159 މީހުންނެވެ. މިހާތަނަށް އައިއިރު އެގައުމުގައި 29،152 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.
މަރުވާ މީހުންގެ އަދަދު ދަށަށްދިޔަ ސަބަބެއްކަމަށް އޮފިޝަލުން ބުނަނީ އަލަށް ވައިރަސް ޖެހެމުންދަނީ ޒުވާނުންނަށް ކަމަށްވެފައި އެމީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަ މިންވަރު ކުޑަވުމެވެ. މާރޗް އަދި އޭޕްރީލް މަހު ގިނައިން ވައިރަސް ޖެހިފައިވަނީ މުސްކުޅިންނަށް ކަމަށްވުމުން އޭރު މަރުވަމުންދިޔަ މީހުންގެ އަދަދުވެސް ވަނީ މައްޗަށް ގޮސްފައެވެ.
އެހެންކަމުން މިހާރުގެ ހާލަތަށް ބަލާއިރު ލޮކްޑައުން އަކަށް ދާން ނުޖެހޭކަމަށް ސަލްވަޑޯރ ވިދާޅުވިއެވެ. ކަމާބެހޭ މާހިރުން ދޭ އިރުޝާދުތަކަށް އަމަލުކުރާނަމަ ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވޭނެކަމަށް ސަލްވަޑޯރ ވިދާޅުވިއެވެ.