ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 14:20
ސިއްހީ އޮފިޝަލުންތަކެއް: ކޮވިޑުގެ ސަބަބުން ގިނަ ގައުމުތަކެއް ސިއްހީ ނިޒާމަށް ވަނީ އަސަރުކޮށްފައި
ސިއްހީ އޮފިޝަލުންތަކެއް: ކޮވިޑުގެ ސަބަބުން ގިނަ ގައުމުތަކެއް ސިއްހީ ނިޒާމަށް ވަނީ އަސަރުކޮށްފައި
ވޮޝިންގްޓަން ޓައިމްސް
ސިއްހީ ނިޒާމް ފެއިލްވުން
ދުނިޔޭގެ 90 އިންސައްތަ ގައުމުގެ ސިއްހީ ނިޒާމު އޮތީ ބޮއްސުންލާފައި
105 ގައުމެއްގެ މައުލޫމާތު އެއްކުރި
ހާލަތު ރަނގަޅު ކުރަން މަސައްކުރުމަށް ޓެޑްރޯސް ގޮވައިލެއްވި
ކްރިޓިކަލް ކެއާ އަށް ބޮޑެތި އަސަރުތަކެއް ކުރި

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ 90 އިންސައްތަ ގައުމުތަކުގެ ސިއްހީ ނިޒާމް ބޮއްސުންލާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހެދި ދިރާސާތަކުން ދައްކައިފިއެވެ.

އެ ދިރާސާ އަކީ ކޮވިޑުގެ ސަބަބުން ސިއްހީ ނިޒާމަށް ދިމާވަމުންދާ ނޭދެވޭ އަސަރުތަކާއި ގުޅޭ ގޮތުން ހެދި ދިރާސައެކެވެ. މި އަހަރުގެ މާރޗް މަހުން ޖޫން މަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ދިރާސާގައި 105 ގައުމެއްގެ ސިއްހީ ނިޒާމުގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ. ސިއްހީ ނިޒާމަށް އެންމެ ބޮޑަށް އަސަރުކުރީ މެދު އަދި މަދުން އާމްދަނީ ލިބޭ ގައުމުތަކަށެެވެ. ބައެއް ގައުމުތަކުގައި ކްރިޓިކަލް ހިދުމަތްތަކާއި ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތަށް ބުރޫ އަރާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން، އައުޓް ރީޗް ސާވީސްތަކުގެ 70 އިންސައްތަ އަށް އަސަރު ކޮށްފައިވާއިރު، ފެސިލިޓީގައި ތިބިގެން ދޭ ހިދުމަތްތަކަށް 61 އިންސައްތަ އަސަރު ކުރިއެވެ. އަދި ގައިންގަޔަށް ނާރަ ބަލިތަކުގެ ފަރުވާގެ 68 އިންސައްތަ އަދި އާއިލާ ރޭވުމާއި ދޭތެރެ ދުރު ކުރުމުގެ 68 އިންސައްތަ އަށް އަސަރު ކޮށްފައިވެއެވެ. ކެންސަރު ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތުގެ 55 އިންސައްތަ އަދި ނަފްސާނީ ބަލިތަކުގެ ފަރުވާގެ 61 އިންސައްތަ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ކަމަށް ޑަބްލިއެޗްއޯ އިން ހެދި ސާރވޭގައި ބުނެއެވެ.

ސާރވޭއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދޯނޯމް ވިދާޅުވީ، ސާރވޭއިން ފެނިގެން ދިޔައީ ސިއްހީ ނިޒާމުގައި ލާފައިހުރި ރެނދުތައް ކަމަށެވެ. އަދި މި ސާރވޭއާ އެކު ކޮވިޑުގެ ހާލަތުގެ އިތުރުން އެހެނިހެން ހާލަތްތަކުގައި ސިއްހީ ނިޒާމަށް ދިމާވާ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ގޮތްތައް ހޯދައި ގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިއްހީ ހިދުމަތްތަކަށް ބުރޫނާރާނެ ގޮތަށް ޑަބްލިއުއެޗްއޯއިން ލަފާދީފައިވާ ސްޓްރެޓެޖީތަ ކަށް ގައުމުތަކުން އަމަލު ކުރަމުން އަންނަކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް