ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 08:05
ބްރެޒިލްގައި ކޮވިޑަށް ޓެސްޓް ކުރަނީ
ބްރެޒިލްގައި ކޮވިޑަށް ޓެސްޓް ކުރަނީ
ރޮއިޓަރސް
ކޮވިޑް-19 ބްރެޒިލްގެ ހާލަތު
އިތުރު 45،000 އައު ކޭސްއާއި އެކު ބްރެޒިލްއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 3.9 މިލިއަނަށް ވުރެ މައްޗަށް!
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑް-19ގެ 45،961 ކޭސް ރިޕޯޓުކޮށްފައިވޭ
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ކޮވިޑަށް މީހުން ޕޮޒިޓިވް ވެފައިވަނީ ބްރެޒީލް އިން
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 3,910,901ށް ވުރެ މައްޗަށް އަރާފަ

އިތުރު 45،000 އައު ކޭސްއާއި އެކު ބްރެޒިލްއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 3.9 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

އެ ގައުމުގެ ސިއްހީ ވުޒާރާއާއި ހަވާލާދީ ބައިނަލްއަގްވާމީ ރިޕޯޓުތައް ބުނާ ގޮތުން، ފާއިތުވި 24 ގަޑި އިރު ތެރޭގައި އިތުރު 45،961 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެ 553 މީހުން ބަލީގައި މަރުވެފައިވެއެވެ. ބްރެޒިލް އަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމެވެ. މިހާތަނަށް 3,097,734 މީހުން ބަލިން ފަސޭހަވެފައިވާކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.

ބްރެޒިލްގެ ސިއްހީ ވުޒާރާއިން ހިއްސާކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 3,910,901ށް ވުރެ މައްޗަށް އަރާފައެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 121,515ށް ވުރެ މައްޗަށް އަރާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތާއެކު އެ ގައުމުގައި ވައިރަސް ފެތުރޭ މިންވަރު އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. ލޮކްޑައުންއަކަށް ދިޔުމަށް ފާޅުގައި ދެކޮޅު ހައްދަވާ، މާސްކު އެޅުމާއި ގައިދުރުކަން ގެންގުޅުންފަދަ ފިޔަވަޅުތައް އެޅުމާ ދެކޮޅަށް ބޮލްސޮނާރޯ ވަނީ ވާހަކަފުޅު ދައްކަވާ އެގޮތަށް އަމަލު ވެސް ކުރައްވާފަ އެވެ. އަދި އެކަމަށް ގޮވާލަމުންދިޔަ އޮފިޝަލުން ވަނީ އެންމެ ފަހުން މަގާމުން ވަކިވެސްވެފަ އެވެ.

ބްރެޒިލްގެ ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އަދިވެސް އެ ގައުމުގައި ވައިރަސް ކޮންޓްރޯލް ކުރެވޭނެ ދުވަހެއް ބުނާކަށް ނޭނގެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް