ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 22:27
ރައީސް މައުމޫން މެޑަމް ނަސްރީނާއަށް ވީޑިއޯ ކޯލް ކުރައްވަނިކޮށް
ރައީސް މައުމޫން މެޑަމް ނަސްރީނާއަށް ވީޑިއޯ ކޯލް ކުރައްވަނިކޮށް
ޓްވިޓަރ
ކުރީގެ ރައީސް މައުމޫން
މިފަހަރު ރައީސް މައުމޫން އާއި މެޑަމް ނަސްރީނާ ގުޅުވައިދިނީ ވީޑިއޯ ކޯލަކުން
މައުމޫނު ވިދާޅުވީ އުންމީދަކީ ﷲ ގެ އިރާދަފުޅުން ވީ އެންމެ އަވަހަކަށް އާއިލާ އާއި ބައްދަލުވުން ކަމަށް
ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވީ އަންގާރަ ދުވަހު

ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ލޯބީގެ ވާހަކަ އަކީ އާންމުންނަށް އާ ވާހަކައެއް ނޫނެވެ.

ޒަމާންވީ އެ ދެ ލޯބިވެރިންގެ ކައިވެންޏަށް 40 އަހަރަށްވުރެ ގިނަ އަހަރު ވަނީ ވެފައެވެ.

ކޮވިޑް-19 އަށް މައުމޫނު ޕޮޒިޓިވްވެފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އެއާއެކު މީޑިއާ ތަކުގެ ފަލަސުރުހީ ތަކަށް އެރި އެއް ހަބަރަކީ މައުމޫނު ހޮސްޕިޓަލުގައި ތުރުކުރައްވައިގެން އޮންނެވި ހެނދުން ކޮޅަކީ ނަސްރީނާގެ ހެނދުން ކޮޅު ކަމަށެވެ. މިއިންވެސް މި ދެ ލޯބިވެރިންގެ ލޯބި އެނގިގެން ދެއެވެ.

މި ފަހަރު މުޅިން އައު ވާހަކައެކެވެ. މައުމޫނާއި ނަސްރީނާ މިފަހަރު ގުޅުވައިދިނީ ވީޑިއޯ ކޯލަކުންނެވެ.

ރައީސް މައުމޫނު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސްރީނާ އާއި ދުރުގައި އައިސޮލޭޝަންގައި ހުންނަވައި ވާހަކަ ދެއްކެވުމުން އުފާވި ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެމަނިކުފާނު ހުންނެވީ ހެޔޮ ހާލުކޮޅުގައި ކަމަށާއި، ހޮސްޕިޓަލުގައި އެމަނިކުފާނު ބައްލަވަމުން ގެންދަވާ ސްޓާފުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މީގެ އިތުރުން މައުމޫނު ވިދާޅުވީ އުންމީދަކީ މާތް ﷲ ގެ އިރާދަފުޅުން ވީ އެންމެ އަވަހަކަށް އާއިލާއާ ބައްދަލުވުން ކަމަށެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެމަނިކުފާނު އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވަނީ މީގެ ކުރިން ކޮވިޑަށް ޓެސްޓު ކުރައްވާފައެވެ. އެކަމަނާ ވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ.

- ކޮމެންޓް