ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 10:18
އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން
އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން
ރޮއިޓަރސް
ކޮވިޑް-19 އެމެރިކާގެ ހާލަތު
އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 6 މިލިއަނަށް
މުޅި އެމެރިކާއަށް ބަލާނަމަ ކޮވިޑް-19 ޖެހޭ މީހުންނާއި މަރުވާ މީހުން އަދި ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދު ވަނީ ދަށަށްދާން ފަށާފައި
ޓެސްޓް ކުރެވޭ ނިސްބަތުން ޕޮޒިޓިވްވާ މިންވަރުވެސް އަންނަނީ ދަށްވަމުން

އެމެރިކާގެ މިޑްވެސްޓް ސްޓޭޓްތަކުން ކޮވިޑް-19 ޖެހޭ މީހުން އިތުރުވަމުންދިޔުމާއެކު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 6 މިލިއަނަށް އަރައިފި އެވެ.

އައޯވާ، ނޯތު ޑަކޯޓާ، ސައުތު ޑަކޯޓާ އަދި މިނިސޯޓާއިން ވަނީ ފާއިތުވި ދުވަސްތަކުގައި ދުވާލަކު ފެންނަ ކޭސްތައް އިތުރުވާން ފަށާފައެވެ. އަދި މޮންޓާނޯ އާއި އައިޑަހޯ އިން ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ.

އެހެންނަމަވެސް މުޅި އެމެރިކާއަށް ބަލާނަމަ ކޮވިޑް-19 ޖެހޭ މީހުންނާއި މަރުވާ މީހުން އަދި ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ. އަދި ޓެސްޓް ކުރެވޭ ނިސްބަތުން ޕޮޒިޓިވްވާ މިންވަރުވެސް އަންނަނީ ދަށްވަމުންނެވެ.

އައޯވާއިން ފެންނަމުންދާ ކޭސްތަކަކީ ޔުނިވަރސިޓީ އޮފް އައޯވާ އާއި އައޯވާ ސްޓޭޓް ޔުނިވަރސިޓީން ފެންނަމުންދާ ކޭސްތަކެވެ. އެމެރިކާގެ ބައެއް ޔުނިވަރސިޓީތަކުން ކޭސްތައް ފެންނަން ފަށާފައިވަނީ ދަރިވަރުން އެނބުރި ކެމްޕަސްތަކަށް އައުމާ ގުޅިގެންނެވެ. އެއާއެކު އޮންލައިންކޮށް އެތަންތަނުގައި ކިޔަވައިދޭން ވަނީ ފަށާފައެވެ.

ނިއު ޔޯރކްގެ ގަވަރުނަރ އެންޑްރޫ ކުއޮމޯ އާދިއްތަ ދުވަހު ވިދާޅުވީ އެސްޓޭޓުން ސްވޮޓް ޓީމެއް ސްޓޭޓް ޔުނިވަރސިޓީ އޮފް ނިއުޔޯކް ކެމްޕަސް އަށް ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުމަށް ފޮނުވުމަށް ނިންމާފައިވާކަމަށެވެ. މިދިޔަ ހަފްތާގައި އެޔުނިވަރސިޓީން ފެށި ކުލާސްތައް ވަނީ ދެ ހަފްތާގެ މުއްދަތަށް ފަސްކޮށްފައެވެ. އެއީ ސަތޭކައަށްވުރެ ގިނަ ކުދިން ވައިރަސް އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ޔުނިވަރސިޓީގެ ގިނަ އަދަދެއްގެ ކުދިންތަކެއް އެއްވެގެން ބާއްވަމުންދާ ޕާޓީތަކާއެކު ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ.

މިޑްވެސްޓްގައި ކޭސްތައް އިތުރުވާން ފެށި އަނެއް ސަބަބަކީ ބޭއްވި ސައިކަލް ރެލީއެކެވެ. އޮގަސްޓް 7ން 16ށް ކުރިޔަށްގެންދިޔަ މިސައިކަލް ރެލީ ގައި 365،000 މީހުން ވަނީ ބައިވެރިވެފައެވެ. ސައުތު ޑަކޯޓާގެ ހެލްތު ޑިޕާޓްމަންޓުން ބުނާގޮތުގައި މިހާތަނަށް އައިއިރު މިރެލީއާ ގުޅުންހުރި 88 މީހެއް ވައިރަސްއަށް ވަނީ ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 ގެ ކޭސްތައް ފެނުނުތާ 8 މަސް ދުވަސްވެފައިވާއިރު އެމެރިކާއިން އަދިވެސް އަންނަނީ ޓެސްޓްތައް ކުރުމުގައި ދަތިތަކާއި ދިމާވަމުންނެވެ. ފާއިތުވި ހަފްތާތަކުގައި ޓެސްޓް ކުރެވޭ މިންވަރު ވަނީ ދަށްވެފައެވެ.

ޓްރަމްޕްގެ ސަރުކާރުން ވައިރަސް ޖެހިފައިވާ މީހުންނާއި އަލާމާތްތައް ނުފެންނަ މީހުން ޓެސްޓް ކުރަން ނުޖެހޭނެކަމަށް ބުނެ ނެރެފައިވާ ގައިޑްލައިން ސިއްހީ އޮފިޝަލުންނާއި 33 ސްޓޭޓަކުން ވަނީ ބަލައިނުގަންނަ ކަމަށް ބުނެފައެވެ.

ޕަބްލިކް ހެލްތު އޮފިޝަލުން ގަބޫލުކުރާ ގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަލާމަތްތައް ނުފެންނަ މީހުން ދެނެގަތުމަށްޓަކައި ގިނަ އަދަދެއްގެ ޓެސްޓް ކުރަން ޖެހޭނެ އެވެ.

އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމަށްވާއިރު އާބާދީގެ ނިސްބަތުން އެމެރިކާއަކީ ދިހަ ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

އެމެރިކާއަކީ ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެމެރިކާގައި މިހާތަނަށް 183،000 މީހުން މިބަލީގައި މަރުވެފައިވާއިރު އާބާދީގެ ނިސްބަތުން އެމެރިކާއަކީ އެގާރަ ވަނަ އަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް