ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 09:06
ބްރެޒިލްގެ މަގުމަތީގައި އާންމުން ހަރަކާތްތެރިވަނީ، އެ އެމެރިކާއަށް ފަހު އެންމެ ގިނަ ކޭސްތައް ފެނިފައިވާ ގައުމު
ބްރެޒިލްގެ މަގުމަތީގައި އާންމުން ހަރަކާތްތެރިވަނީ، އެ އެމެރިކާއަށް ފަހު އެންމެ ގިނަ ކޭސްތައް ފެނިފައިވާ ގައުމު
ރޮއިޓަރސް
ކޮވިޑް-19 ބްރެޒިލްގެ ހާލަތު
16،000 ވުރެ ގިނަ އައު ކޭސްތަކާއެކު އާދިއްތަ ދުވަހު 599 މަރު ބްރެޒިލްއިން ރިޕޯޓުކޮށްފި
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑް-19ގެ 16،158 ކޭސް ރިޕޯޓުކޮށްފައިވޭ
599 މީހަކު މަރުވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފަ
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ކޮވިޑަށް މީހުން ޕޮޒިޓިވް ވެފައިވަނީ ބްރެޒީލް އިން

އާދީއްތަ ދުވަހު 16،000ށް ވުރެ ގިނަ އައު ކޭސްތަކާއެކު 599 މީހުން މަރުވެފައިވާ ކަމަށް ބްރެޒިލްގެ ސިއްހީ ވުޒާރާ އިން ބުނެފިއެވެ.

ބްރެޒިލްގެ ސިއްހީ ވުޒާރާ އާއި ހަވާލާދީ ބައިނަލްއަގްވާމީ މިޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑް-19ގެ 16،158 ކޭސް ރިޕޯޓު ކޮށްފައިވެއެވެ. އަދި ބަލީގައި 599 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އެއާއެކު މުޅި ޖުމްލަ 3,862,311 މީހަކު އެ ގައުމުން ޕޮޒިޓިވް ވެފައިވާއިރު ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 120,828ށް އަރާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ބްރެޒިލްގެ ރައީސް ހައިރް ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތާއެކު އެ ގައުމުގައި ވައިރަސް ފެތުރޭ މިންވަރު އަދިވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. ލޮކްޑައުންއަކަށް ދިޔުމަށް ފާޅުގައި ދެކޮޅު ހައްދަވާ، މާސްކު އެޅުމާއި ގައިދުރުކަން ގެންގުޅުންފަދަ ފިޔަވަޅުތައް އެޅުމާ ދެކޮޅަށް ބޮލްސޮނާރޯ ވަނީ ވާހަކަފުޅު ދައްކަވާ އެގޮތަށް އަމަލު ވެސް ކުރައްވާފައެވެ. އަދި އެކަމަށް ގޮވާލަމުންދިޔަ އޮފިޝަލުން ވަނީ އެންމެ ފަހުން މަގާމުން ވަކިވެސްވެފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ވަނީ ފާއިތުވި ހަފްތާތަކުގައި ދަށަށް ދާން ފަށާފައެވެ. އެގޮތުން، އެވެރެޖްކޮށް ފާއިތުވި ދުވަސްތަކުގައި 20،000ވުރެ ދަށުން އެ ގައުމުގައި އައު ކޭސްތައް ރިޕޯޓު ކުރަމުން އަންނައިރު މިއީ ކުރީގައި ރިޕޯޓު ކުރާ ކޭސްތަކަށްވުރެ މަދު އަދަދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ދުވާލެއްގެ މައްޗަށް ބްރެޒިލްއިން އެވެރެޖްކޮށް 40،000 މީހުން މީގެކުރިން ރިޕޯޓުކުރެއެވެ.

ބްރެޒިލްގެ ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އަދިވެސް އެ ގައުމުގައި ވައިރަސް ކޮންޓްރޯލް ކުރެވޭނެ ދުވަހެއް ބުނާކަށް ނޭނގެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް