ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 16:48
އިންޑިޔާގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަނީ
އިންޑިޔާގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
އެއްދުވަހާ އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓް ކުރި ގައުމަކަށް އިންޑިޔާ
އިންޑިޔާއަކީ ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމު
އޮގަސްޓް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރިކޯޑް އަދަދަކަށް މީހުންނަށް އަންނަނީ ވައިރަސް ޖެހެމުން

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ގިނަ މީހުންނަށް އެއްދުވަހާ ޖެހުނު ގައުމަކަށް އިންޑިޔާ ވެއްޖެއެވެ.

އިންޑިޔާ އިން އާދިއްތަ ދުވަހު ވަނީ 78،761 މީހުންނަށް ކޮވިޑް-19 ޖެހިފައެވެ. މިހާތަނަށް އެއްވެސް ގައުމަކަށް މި އަދަދަށް ކޮވިޑް-19 އެއް ދުވަހާ ޖެހިގެން ރިޕޯޓް ކޮށްފައެއް ނުވެއެވެ. އިންޑިޔާގައި އާދިއްތަ ދުވަހު ކޮވިޑް-19 ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދާއެކު އެމެރިކާއިން މީގެކުރިން އެއް ދުވަހާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިވަނީ ފަހަނައަޅާ ގޮސްފައެވެ. ޖުލައި މަހުގެ 16 ވަނަ ދުވަހު އެމެރިކާގައި ވަނީ 77،299 މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ.

މުޅި ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމު ކަމުގައިވާ އިންޑިޔާ އަކީ އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ތިން ވަނަ އަށް ރިޕޯޓް ކުރަމުން އަންނަ ގައުމެވެ. އެމެރިކާ އާއި ބްރެޒިލްއަށް ފަހު އިންޑިޔާ އަކީ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ގައުމަށްވީ ނަމަވެސް ފާއިތުވި ދެ ހަފްތާތެރޭގައި އިންޑިޔާ އިން ވަނީ މި ދެ ގައުމަށް ވުރެ ގިނައިން ދުވާލެއްގެ މައްޗަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ.

އިންޑިޔާގައި އޮގަސްޓް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރިކޯޑް އަދަދަކަށް މީހުންނަށް އަންނަނީ ވައިރަސް ޖެހުމުންނެވެ.

އިންޑިޔާއަށް ސަރޖެއް އައިސް ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެންދަވަނީ އެގައުމުގެ އިގްތިޞާދު ހުޅުވާލުމަށް ބާރު އަޅުއްވަމުންނެވެ. އާންމު ހާލަތަށް ރުޖޫއުވުމުގެ ކަންކަން ކުރައްވަމުން ގެންދަވާއިރު 1.3 ބިލިއަން މީހުން ހިމެނޭ އިންޑިޔާ އެއްކޮށް މޯދީ ވަނީ މަރޗް މަހުގެ ފަހުކޮޅު ލޮކްޑައުން ކުރައްވާފައެވެ. އޭގެފަހުން ލޮކްޑައުންއަށް ލުއިތައް ދޭން ފަށާފައިވާއިރު އެގައުމުގެ އަންޑަރގްރައުންޑް ޓްރެއިން ނެޓްވޯރކްތަކުގެ ދަތުރުތައް އަންނަ މަހު ފަށާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އަދި އަންނަ މަހުން ފެށިގެން އެ ގައުމުގައި ކުޅިވަރުތައް ކުޅުމަށާއި ދީނީ ހަފްލާތައް ވަކި މިންވަރަކަށް މީހުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވުމުގެ ފުރުސަތު ދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިޔާގައި މިހާތަނަށް އައިއިރު 3،546،794 (ތިން މިލިއަން ފަސް ލައްކަ ސާޅީސް ހަ ހާސް ހަތް ސަތޭކަ ނުވަދިހަ ހަތަރު) މީހުންނަށް ވައިރަސް ޖެހިފައިވާއިރު އެ ގައުމުގައި މި ބަލީގައި މަރުވެފައިވަނީ 63،690 މީހުންނެވެ.

އިންޑިޔާގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން އަދި މަރުވެގެން ރިޕޯޓް ކުރަމުން އަންނަނީ އެ ގައުމުގެ ވިޔަފާރީގެ މައި މަރުކަޒު ކަމުގައިވާ މުމްބާއީ ހިމެނޭ މަހަރަޝްތްރަ ސްޓޭޓުންނެވެ. އެ ސްޓޭޓުން އެކަނި 7 ލައްކައަށް ވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. މީގެއިތުރުން ތަމަލް ނާޑޫ އާއި އަންދްރަ ޕްރަދޭޝް އިން މިއިން ކޮންމެ ސްޓޭޓަކުން 4 ލައްކައަށް ވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް