ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 08:43
ސެނީވެކުން އުފައްދަމުންދާ ވެކްސިން ދައްކާލަނީ
ސެނީވެކުން އުފައްދަމުންދާ ވެކްސިން ދައްކާލަނީ
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
ޗައިނާގެ ސިނޯވެކް ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރަން ހުއްދަދީފި
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވެކްސިން ދޭން ވަނީ ފަށާފައި
ޗައިނާއިން ޖުލައި މަހުން ފެށިގެން ހައިރިސްކު މީހުންނަށް އަންނަނީ ވެކްސިންދެމުން
7 ވެކްސިނެއް އުޅެނީ އެންމެ ފަހުގެ ޓެސްޓްތައް ކުރުމުގެ މަރުހަލާގައި

ޗައިނާގެ ސިނޯވެކް ބައޮޓެކުން ކޮވިޑް-19 އަށް އުފައްދާ ވެކްސިން އެމަރޖެންސީކޮށް ހައިރިސްކު މީހުންނަށް ބޭނުންކުރަން ހުއްދަދީފި އެވެ.

ޗައިނާގެ ހައިރިސްކް ކެޓަގަރީ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވެކްސިން ދޭންފަށާފައިވާކަމަށް އެކަން ދަންނަ މީހަކާއި ހަވާލާދީ ރޮއިޓަރސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެއިތުރުން ޗައިނާ ސަރުކާރުގެ ފާރމަޝޫޓިކަލް ގްރޫޕްކަމުގައިވާ ސިނޯފަރމް އިންވެސް ވަނީ އެ މީހުން އުފައްދަމުންދާ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް ބުނެފައެވެ. ސިނޯފަރމް އިން ކޮވިޑް-19 އަށް ދެ ވެކްސިނެއް އުފައްދަމުންދާއިރު މި ދެ ވެކްސިންވެސް އުޅެނީ ފޭސް ތިނެއްގެ ކްލިނިކަލް ޓްރެއަލް ގައެވެ. ނަމަވެސް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ މިތަނުން ކޮން ވެކްސިނަކަށްކަމެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.

ޗައިނާއިން ޖުލައި މަހުން ފެށިގެން ހައިރިސްކު މީހުންނަށް ވެކްސިން ދެމުން އަންނަކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ސްޓޭޓް މީޑިޔާއިން ވަނީ ބުނެފައެވެ. ޗައިނާގެ ސްޓޭޓް މީޑިޔާއިން މިދިޔަ ހަފްތާގައި ދައްކާފައިވާ އިންޓަރވިއުގައި ސިއްހީ އޮފިޝަލުން ބުނެފައިވަނީ އެމަރޖެންސީ ޕްރޮގްރާމް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ފިނި މޫސުމާއި އޯޓަމް ގައި ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމަށް އެކަމުން ރައްކާތެރިވުމުގު ގޮތުންކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ސްޓޭޓް މީޑިޔާ ޒިންހުއާ އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ވެކްސިންގެ ޓްރެއަލްތަކުގައި އެމަރޖެންސީކޮށް ވެކްސިންދޭނެ މީހުން ކަނޑައަޅާފައިވަނީ ޖޫން މަހު އެވެ. އަދި މިޕްރޮގްރާމް ޖުލައި މަހު ފަށާފައިވާއިރު ދޭން ފަށާފައިވަނީ ކޮން ވެކްސިނެއް ކަމަށް ހާމަ ކޮށްފައެއްނުވެއެވެ.

އެހެންނަމަވެސް ރަސްމީ ކޮށް އަދި ޗައިނާއިން އެމަރޖެންސީކޮށް ދޭން ފަށާފައިވަނީ ކޮން ވެކްސިނެއް ކަމާއި ވެކްސިން ދިނީ ކިތައް މީހުންނަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމަރޖެންސީ ޕްރޮގްރާމް ޖޫން މަހު ފެށުމުގެ ކުރިން ޗައިނާގެ ސަރުކާރުގެ ސަރުކާރުގެ ފާރމަޝޫޓިކަލް ގްރޫޕްގެ މުވައްޒަފުންގެ ތެރެއިން އެހެން ގައުމުތަކަށް ދަތުރުކުރާ މުވައްޒަފުންނަށް ވެކްސިން ވަނީ ދީފައެވެ. މީގެއިތުރުން ޗައިނާގެ މިލިޓަރީން ވަނީ ކެންސިނޯ އިން އުފައްދަމުންދާ ވެކްސިން ދޭނެ މީހުން ކަނޑައަޅާފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް 160ށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކިކަންކޮޅު ތަކުގައި މިހާރުވެސް ކުރަމުންދާއިރު މީގެތެރެއިން 7 ވެކްސިނެއް އުޅެނީ އެންމެ ފަހުގެ ޓެސްޓްތައް ކުރުމުގެ މަރުހަލާގައެވެ. މީގެތެރެއިން 4 ވެކްސިނަކީ ޗައިނާއިން އުފައްދަމުންދާ ވެކްސިންތަކެވެ.

އެހެންނަމަވެސް އަދި އެއްވެސް ވެކްސިނެއް ކާމިޔާބުވެ ރަސްމީކޮށް ބޭނުންކުރެވޭ ހިސާބަކަށް ނުދެއެވެ. މުޅި ދުނިޔޭގައި މިހާރުވެސް 25 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 8 ލައްކައަށް ވުރެ ގިނަ މީހުން ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ. ކަމާބެހޭ މާހިރުން ލަފާކުރާ ގޮތުގައި މިބައްޔަށް މުޅި ދުނިޔެއަށް ބޭނުންކުރެވޭވަރަށް ވެކްސިން ލިބޭ ވަރުވާނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް