ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 08:47
ބެއިޖިންގ ގައި މީހުން މާސްކު އަޅައިގެން މަގުމަތީގައި
ބެއިޖިންގ ގައި މީހުން މާސްކު އަޅައިގެން މަގުމަތީގައި
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ޗައިނާ ތެރެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްނުވާތާ ދެ ހަފްތާ
މީގެކުރިން ޗައިނާ ތެރެއިން މީހަކު ޕޮޒިޓިވްނުވެ ރިކޯޑް ކުރެވިފައިވަނީ 13 ދުވަހުގެ މުއްދަތަށް
ޗައިނާއިން މިހާރު ވައިރަސް އަށް ޕޮޒިޓިވްވާ މީހުންނަކީ އެގައުމަށް އެތެރެވާ މީހުން
ޗައިނާއިން 85،031 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައި

ޗައިނާގެ ތެރެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްނުވާތާ ދެ ހަފްތާ ވެފައިވާ ކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއީ ޗައިނާއިން ކޮވިޑް-19ގެ ކޭސްތައް މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ފެންނަން ފެށިފަހުން މިހާ ގިނަ ދުވަހު ޗައިނާގެ ތެރެއިން ކޭސްއެއް ރިކޯޑް ނުކުރެވިދާ ފުރަތަމަ ފަހަރެވެ. މީގެކުރިން މިގޮތަށް ރިކޯޑް ކުރެވިފައިވަނީ 13 ދުވަހުގެ މުއްދަތަށެވެ. އެއީ މެއި މަހުގެ 24ން ޖޫން މަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ.

އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ވުހާންއިން ވައިރަސް ކޮންޓްރޯކޮށް އޮތުމަށްފަހު، ކޭސްތައް ފެންނަން ފެށުމުން ވުހާންގެ މުޅި އާބާދީ ވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށްފައެވެ. އަދި އޭގެ ފަހުން ވެރިރަށް ބެއިޖިންއިން ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށުމުން ބެއިޖިންގެ މުޅި އާބާދީވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ހޮނިހިރު ދުވަހު ކޮވިޑް-19 އަށް އެގައުމުން ޕޮޒިޓިވްވެފައިވަނީ 9 މީހުން ކަމަށެވެ. މިއެންމެންނަކީވެސް އެގައުމަށް އެތެރެވި މީހުންނެވެ. އޭގެކުރީ ދުވަހުވެސް އެގައުމުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އެގައުމަށް އެތެރެވި މީހުންގެ ތެރެއިން 9 މީހެކެވެ.

ހޮނިހިރު ދުވަހު ވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ ނިޝާނެއް ނުފެނި 4 މީހަކު ވަނީ ވައިރަސް އަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައެވެ. އޭގެކުރީ ދުވަހު މިގޮތަށް 14 މީހަކު ވަނީ ރިޕޯޓްކޮށްފައެވެ. ހަށިގަނޑުގައި ވައިރަސް ހުރިކަމުގެ އަލާމާތްތައް ނުފެނި ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ޖުމްލަ އަދަދުތަކެއް ޗައިނާއިން ހާމަ ކުރަމުންނެއް ނުދެއެވެ.

ޗައިނާއިން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު އުޅެނީ 85،031 ގައެވެ. އަދި މަރުވި މީހުންގެ އަދަދަކީ 4634 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް