އަރޖެންޓީނާގައި ރިކޯޑް އަދަދަކަށް މީހުންނަށް ކޮވިޑް-19 ޖެހިގެން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާއިރު ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް އެގައުމުގެ ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
އެގޮތުން ބޭރުތެރޭގައި 10 މީހުންނަށް މާސްކު އަޅައިގެން އެއްވެ އުޅުމުގެ ފުރުސަތު ދޭނެކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. ކޮވިޑް-19 އާ ގުޅިގެން އަރޖެންޓީނާގައި ފިޔަވަޅުތައް އަޅަންފަށާފައިވަނީ މަރޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. އަރޖެންޓީނާގެ ރައީސް އަލްބަރޓޯ ފެރްނަންޑޭޒް ޓީވީ މެދުވެރިކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ މިހާރު ދީފައިވާ ލުއިތައް ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާނެ ކަމަށެވެ.
އަރޖެންޓީނާގައި މިހާރުވެސް 392،009 (ތިންލައްކަ ނުވަދިހަ ދެ ހާސް ނުވަ) މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު މިބަލީގައި 8217 މީހުންވަނީ މަރުވެފައެވެ.
މިއަދު އަހަރުމެން މިއަޅާ އައު ފިޔަވަޅަކީ ހާމަތަންތަނުގައި 10 މީހުންނަށް އެއްވެމުގެ ފުރުސަތު ދިނުން. ދެ މީޓަރުގެ ދުރުމިން ކޮންމެ ދެ މީހެއްގެ ދެމެދުގައި ހުންނަންޖެހޭއިރު މާސްކު އަޅަންޖެހޭނެ. މިއައު ލުޔަށް މުޅި އަރޖެންޓީނާގައި އަމަލުކުރަމުންދާނެ.އަރޖެންޓީނާގެ ރައީސް އަލްބަރޓޯ ފެރްނަންޑޭޒް
އަރޖެންޓީނާގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހު އެވެ. އެއީ 11717 މީހުންނެވެ. އަރޖެންޓީނާގެ ރައީސް ވިދާޅުވީ ކޮވިޑް-19 އަށް ގިނަ ބަޔަކު ވެރިރަށުން ޕޮޒިޓިވްވި ވަމުން ކުރިން ދިޔަނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެހެން ހިސާބުތަކުން ކޭސްތައް ފެންނަ މިންވަރު ވަނީ މައްޗަށްދާން ފަށާފައިކަމަށް އަރޖެންޓީނާގެ ރައީސް ވިދާޅުވިއެވެ.
އެއާއެކު ވެރިރަށުގައި އަންނަ ހަފްތާއިން ފެށިގެން ރެސްޓޯރެންޓްތަކުގެ ޚިދުމަތް ފަށާ އާންމު ހާލަތަށް ރުޖޫޢުވުމުގެ މަސައްކަތްކުރާނެ ކަމަށް އެތަނުގެ މޭޔަރ ވަނީ ވިދާޅުވެފައެވެ.
އަރޖެންޓީނާ ހިމެނޭ ލެޓިން އެމެރިކާ އަކީ މިވަގުތު ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ސަރަހައްދެވެ. އެސަރަހައްދުން އެކަނި 7 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.