ޑިސްނީ ކާޓޫނެއް ކަމަށްވާ "ބިއުޓީ އެންޑް ދަ ބީސްޓް"ގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ، ފިލްމު އެޅުވި ފަހުން ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ލިބިއްޖެ އެވެ.
މިއީ މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމެވެ. ސިނަމާތަކުގައި މި ފިލްމް މާޗް މަހުގެ 17 ވަނަ ދުވަހު އަޅުވާފައިވާ އިރު މި ފިލްމަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެމެރިކާ އިންނެވެ. އެގޮތުން އެމެރިކާގެ ސިނަމާތަކުން އެކަނި 200 އަށް ވުރެ ގިނަ މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
މިއާ އެކީ އެ ފިލްމު މިވަނީ އެންމެ ކުރު މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ރެކޯޑް ބޮކްސް އޮފީހުން ހޯދާފަ އެވެ. ބިލް ކޮންޑޮން ޑައިރެކްޓްކޮށްފައިވާ "ބިއުޓީ އެންޑް ދަ ބީސްޓް" ރިލީޒް ކުރި އިރު ވެސް، މި ފިލްމް ބޮކްސް އޮފީހުގައި ރެކޯޑް އަދަދަކަށް ވިޔަފާރި ކުރާނެ ކަމަށް އޮތީ ބެލެވިފައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ މިދިޔަ އަހަރު އަޅުވާފައިވާ "ބެޓްމޭން ވާސް ސުޕަރމޭން: ޑޯން އޮފް ޖަސްޓިސް" ފިލްމަށެވެ. "ބިއުޓީ އެންޑް ދަ ބީސްޓް" ރިލީޒް ކުރި ހަފުތާ ބަންދުގައި އެކަނި ވެސް ފިލްމަށް ވަނީ ރެކޯޑް އަދަދެއްގެ އާމްދަނީއެއް ލިިބިފަ އެވެ. އެއީ 174 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން "ބިއުޓީ އެންޑް ދަ ބީސްޓް" ވެފައި ވަނީ 2017 ވަނަ އަހަރުގެ މިހާތަނަށް އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ދުވަހު އެންމެ ބޮޑު ކާމީޔާބު ހޯދި ފިލްމަށެވެ. އެމާ ވޮޓްސަން ބެލްގެ ރޯލުން ފެނިގެންދާ މި ފިލްމުގެ އިތުރަށް މީގެ ކުރިން ބޮކްސް އޮފީހުގައި މިހާތަނަށް ބިލިއަން ޑޮލަރު ފަހަނައަޅައި ދިޔަ 29 ފިލްމުގެ ތެރެއިން 14 ފިލްމަކީ ޑިސްނީގެ ފިލްމްތަކެވެ.
އެގޮތުން "އެލިސް އިން ވޮންޑަރލޭންޑް " އާއި "މެލިފިސެންޓް" އަދި "ދަ ޖަންގަލް ބުކް" ވެސް ވަނީ ބޮކްސް އޮފީހުގައި ކާމިޔާބީތަކެއް ހޯދާފަ އެވެ. ބިއުޓީ އެންޑް ދަ ބީސްޓް ފިލްމި އުފެއްދުމަށް ހޭދަކޮށްފައިވަނީ 160 މިލިއަން ޑޮލަރެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމް ހަދަން ކުރި ހަރަދާއި މާކެޓިންއާ އެކު ޖުމްލަ ފިލްމަށް ހަރަދުކޮށްފައި ވަނީ 300 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ވެސް ޑިސްނީން އަންނަނީ "އެލަޑިން"، "ޕިކޯކިއޯ" ގެ އިތުރުން "މުލާން" ފަދަ ކާޓޫންތަކުގެ ފިލްމުތަށް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.