ކ. މާލެ
|
28 އޯގަސްޓް 2020 | ހުކުރު 08:50
ބްރެޒިލްގެ މަގެއްގެ މަތީގައި މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ
ބްރެޒިލްގެ މަގެއްގެ މަތީގައި މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ
ރޮއިޓަރސް
ކޮވިޑް-19 ލެޓިން އެމެރިކާގެ ހާލަތު
ލެޓިން އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 7 މިލިއަނަށް
ފާއިތުވި ހަފްތާގައި އެސަރަހައްދުން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އުޅެނީ 77،800 ގައި
އެސަރަހައްދުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ ކޮންމެސް ވަރަކަށް ދަށަށްދާން ފަށާފައި

ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ލެޓިން އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 7 މިލިއަނަށް އަރައިފިއެވެ.

އެ ސަރަހައްދުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ ކޮންމެސް ވަރަކަށް ދަށަށް ދާން ފަށާފައެވެ. ފާއިތުވި ހަފްތާގައި އެ ސަރަހައްދުން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އުޅެނީ 77،800 ގައެވެ. އޭގެކުރީ ހަފްތާ ދުވާލެއްގެ މައްޗަށް 85،000 މީހުންނަށް ދުވާލެއްގެ މައްޗަށް ވަނީ ވައިރަސް ޖެހިފައެވެ.

ފުރަތަމަ ކޭސް ފެނުނުތާ ހަ މަސް ދުވަސް ވެފައިވާ ބްރެޒިލް އަކީ މިވަގުތު ދުނިޔޭގައި ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ގައުމެވެ. އެ ގައުމުގައި ފާއިތުވި 24 ގަޑިއިރު 44،235 މީހުންނަށް އަލަށް ވައިރަސް ޖެހި 984 މީހުން ވަނީ މަރުވެފައެވެ. އެއާއެކު ބްރެޒިލްގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 3.7 މިލިއަނަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 118،000ށްވުރެ މައްޗަށް ގޮސްފައެވެ.

ލެޓިން އެމެރިކާ ސަރަހައްދުގައި ދެން އެންމެ ހާލަތު ގޯސް ގައުމަކީ މެކްސިކޯއެވެ. މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ގައުމުގައި ވެސް ވައިރަސް ފެތުރޭ މިންވަރު ވަނީ ދަށަށްދާން ފަށާފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މެކްސިކޯގެ ހާލަތު ހީނުކުރާވަރަށްވުރެ ގޯސްކަމަށް ބުނެފައެވެ. އަދި މެކްސިކޯ އާއި އެ ސަރަހައްދުގެ އެހެން ގައުމުތަކުން ޓެސްޓް ކުރާ މިންވަރު އިތުރުކުރުމަށް ވެސް ޑަބްލިޔުއެޗްއޯއިން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ކަންބޮޑުވާ މިންވަރަށް ޒުވާނުންގެ މެދުގައި އެސަރަހައްދުގައި ވައިރަސް ޖެހެމުންދާކަން ޑަބްލިޔުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.

ބްރެޒިލް، ޕެރޫ، މެކްސިކޯ، ކޮލަމްބިއާ އަދި ޗިލީ އަކީ ދުނިޔޭގައި ކޮވިޑް-19 އެންމެ ހާލަތު ގޯސް 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމުތައް ކަމަށްވާއިރު މިއީ ލެޓިން އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ގައުމުތަކެވެ.

ލެޓިން އެމެރިކާ ސަރަހައްދުގެ ގައުމެއް ކަމުގައިވާ އަރޖެންޓީނާ އިން ވަނީ ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 10،000ށްވުރެ މައްޗަށް ފުރަތަމަ ފަހަރަށް ބުދަ ދުވަހު ރިކޯޑް ކޮށްފައެވެ. އަރޖެންޓީނާގައި ކުރަމުންދާ ޓެސްޓް ތަކުގެ 40 އިންސައްތައަށް ވުރެ މަތިން ޕޮޒިޓިވްވަމުން އަންނައިރު ދުނިޔޭގައި އެންމެ މަތީ އަދަދުތަކުން މިވަގުތު ޓެސްޓް ކުރެވޭ މިންވަރުން ޕޮޒިޓިވްވެގެން ރިކޯޑް ކުރެވޭ ގައުމުތަކުގެ ތެރޭގައި އަރޖެންޓީނާ ހިމެނެއެވެ.

ލެޓިން އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 6 މިލިއަނުން 7 މިލިއަނަށް އަރާފައިމިވަނީ 13 ދުވަހުންނެވެ. ކުރިން 5 މިލިއަނުން 6 މިލިއަނަށް އަރާފައިވަނީ 11 ދުވަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް