ކ. މާލެ
|
27 އޯގަސްޓް 2020 | ބުރާސްފަތި 16:07
ލެސްޓާ ސިޓީއަށް ކުޅެމުން އައި އިންގްލެންޑްގެ ޑިފެންޑަރު ބެން ޗިލްވެލް
ލެސްޓާ ސިޓީއަށް ކުޅެމުން އައި އިންގްލެންޑްގެ ޑިފެންޑަރު ބެން ޗިލްވެލް
ގެޓީ އިމޭޖަސް
ޗިލްވެލް ޗެލްސީއަށް ބަދަލުވުން
ލެސްޓާގެ ޑިފެންޑަރު ޗިލްވެލް ޗެލްސީއަށް
ޗިލްވެލް ޗެލްސީއަށް ބަދަލުވީ 45 މިލިޔަން ޕައުންޑްގެ އަގަކަށް
ޗިލްވެލް ވަނީ ޗެލްސީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައި

ލެސްޓާ ސިޓީއަށް ކުޅެމުން އައި އިންގްލެންޑްގެ ޑިފެންޑަރު ބެން ޗިލްވެލް ޗެލްސީއަށް ބަދަލުވެއްޖެއެވެ.

ބުދަ ދުވަހުގެރޭގެ ވަގުތެއްގައި ޗެލްސީގެ އެއްބަސްވުމުގައި އުމުރުން 23 އަހަރުގެ ޗިލްވެލް ސޮއިކުރިއިރު، އޭނާ ޗެލްސީއަށް ބަދަލުވީ 45 މިލިޔަން ޕައުންޑްގެ އަގަކަށެވެ. އަދި ވަނީ ޗެލްސީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

އިންގްލެންޑް ގައުމީ ޓީމުންވެސް ފުރުސަތު ހޯދާފައިވާ ޗިލްވެލްގެ ސޮއި ހޯދުމަށް ފަހު ޗެލްސީން އަންނަނީ އެ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ މާކޯސް އަލޮންސޯ އާއި އެމަސަން ޕަލްމިއޭރީ ދޫކޮށްލަން މަސައްކަތްކުރަމުންނެވެ.

ލެސްޓާ ސިޓީން 2015 ވަނަ އަހަރު ކެރިއަރު ފެށި ޗިލްވެލް ވަނީ އެޓީމަށް 123 މެޗު ކުޅެދީފައެވެ. އަދި ވަނީ މިހާތަނަށް އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމަށް 11 މެޗު ކުޅެދީފައެވެ.

ޗިލްވެލް އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީއަށް ބަދަލުވި ހަތަރުވަނަ ކުޅުންތެރިޔާއެވެ. ޗެލްސީން މިހާތަނަށް ވަނީ އާރްބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ އާއި އަޔަކްސްގެ ހަކީމް ޒިޔެކްގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ވިއޭ އެމްބުޔަމްބާ ގެނެސްފައެވެ.

އަދި ކުރިއަށް ދުވަސްތަކުގެ ތެރޭގައި ޕީއެސްޖީއަށް ކުޅެމުން އައި ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާވެސް ޗެލްސީއާ ގުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕީއެސްޖީއާއެކު އެޓީމުގެ ކެޕްޓަން ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު، ޗެލްސީއަށް ބަދަލުވާން އުމުރުން 35 އަހަރުގެ ސިލްވާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާ ޗެލްސީއާއެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދާނެ ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން ސިލްވާ ބޭނުންނަމަ އިތުރު އެއް އަހަރު ޗެލްސީގައި މަޑުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ޗެލްސީ މި ޓްރާންސްފާ ބާޒާރުގައި ބަޔާ ލެވަކޫސަންގެ އުންމީދީ ތަރި ކައި ހަވާޓްޒްގެ ސޮއި ހޯދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް