ކ. މާލެ
|
26 އޯގަސްޓް 2020 | ބުދަ 15:40
ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާ ސަރަހައްދު ސާފުކުރަނީ
ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާ ސަރަހައްދު ސާފުކުރަނީ
ރާއްޖެ އެމްވީ
ސްވިމިންގ ޕޫލް ކޮމްޕްލެކްސްގެ މަސައްކަތް
ސްވިމިންގ ޕޫލްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ފުރަތަމަ މަރުހަލާގެ މަސައްކަތް ފަށާފައި
ކޮވިޑް-19 ގެ ފުރަބަންދާ ގުޅިގެން ޕޫލްގެ މަސައްކަތަށް މަޑުޖެހުމެއް އައި

ކޮވިޑް-19 ގެ ފުރަބަންދާ ގުޅިގެން އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސްގެ މަސައްކަތަށް މަޑުޖެހުމެއް އައި ނަމަވެސް، މިހާރު ޕޫލްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނުނު ކުޅިވަރުގެ ވައުދުތަކުގެ ތެރެއިން ނުނިމި އޮތް ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާ ސަރަހައްދަކީ ދުވާ ޓްރެކް ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑު އޮތް ބިމެވެ.

އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާނެ ބިން ލިބި، އެ ބިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ބިމުގެ އަމަލީ މަސައްކަތް ފެށިއިރު، ފުރަތަމަ މަރުހަލާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ.

ބުދަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިމިންގ ޕޫލްގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު މިހާރު މަސައްކަތުގެ ސްޕީޑް ބާރުވެފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ސްވިމިންގ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރާއި ހިންގާ ކޮމިޓީގެ ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާ ސަރަހައްދު ސާފުކުރަނީ

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ ކޮވިޑް-19 ގެ ފުރަބަންދާ ގުޅިގެން މަސައްކަތަށް މަޑުޖެހުމެއް އައި ކަމަށާއި، އެކަމަކު ޕޫލްގެ އިންޖިނިއަރިންގެ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ނިމޭހާ އެންމެ އަވަހަކަށް ޕްލޭނިންގ މިނިސްޓްރީއަށް ހުށަހަޅައިގެން ހުއްދަތައް ލިބުމުން އަމަލީ ގޮތުން މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

ސްވިމިންގ އެސޯސިއޭޝަން އުފެދުނުތާ 45 އަހަރު ވެފައިވާއިރު، އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލެއް އެޅިގެންދިޔުމަކީ ފެތުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ސްވިމިންގ ޕޫލް ކޮމްޕްލެކްސްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އެ ޕޫލަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މީގެ ކުރިން ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް