ކ. މާލެ
|
26 އޯގަސްޓް 2020 | ބުދަ 18:07
ޕާކިސްތާންގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް
ޕާކިސްތާންގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް
އަލްޖަޒީރާ
އިންޑިއާ-ޕާކިސްތާން
ޕާކިސްތާނުގެ ޖަމާއަތްތަކުން ހަމަލާތައް ދިނުމަށް އިންޑިއާގެ ގޭންގުތަކާ ހަވާލުކުރަނީ
ޗަންދީގަރް އަދި ޕަންޖާބުގައި ހަރަކާތްތެރިވާ ޖާސޫސުންނަށް އެފަދަ މައުލޫމާތު ވަނީ ލިބިފަ
ފަހަކަށް އައިސް ކަޝްމީރު ފިޔަވައި އިންޑިއާގެ އެހެން ހިސާބުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކުން ދެމުންދާ ހަމަލާތައް ވަރަށް ބޮޑަށް ވަނީ މަދުކުރެވިފަ
ހަނގުރާމަވެރި ޖަމާއަތްތަކުން ޖަލުތަކުގައި ބަންދުކޮށްފައިވާ ގޭންގްސްޓާރުންނާވެސް ހަމަލާތައް ދިނުމަށް ހަވާލުކުރަމުންދާކަމަށް ރިޕޯޓްތައް ބުނޭ

ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން އިންޑިއާގެ އެކި ހިސާބުތަކުގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށް އިންޑިއާގައި ހަރަކާތްތެރިވާ ގޭންގްތަކާ ހަވާލުކުރުމަށް މަސައްކަތްކުރާކަމަށް ޖާސޫސީ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކުރާ ގޮތުގައި ޗަންދީގަރް އަދި ޕަންޖާބުގައި ހަރަކާތްތެރިވާ ޖާސޫސުންނަށް އެފަދަ މައުލޫމާތު ވަނީ ލިބިފައެވެ. ހަނގުރާމަވެރި ޖަމާއަތްތަކުން ޖަލުތަކުގައި ބަންދުކޮށްފައިވާ ގޭންގްސްޓާރުންނާވެސް ހަމަލާތައް ދިނުމަށް ހަވާލުކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ގޭންގްތަކާ ހަވާލުކޮށްގެން ހަމަލާދިނުމަށް ރާވަން ފަށާފައި މިވަނީ އިންޑިއާގެ ޖާސޫސީ އަދި އަސްކަރީ އިދާރާތަކާއި ފުލުހުން އިހުނަށްވުރެ ސަމާލުވެ، ޕާކިސްތާނު ތެރެއިން އައިސްދާނެ ހަމަލާއަކަށް ތައްޔާރުވެފައިވާތީކަމަށް އިންޑިއާގެ ސަރުކާރު އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ފަހަކަށް އައިސް ކަޝްމީރު ފިޔަވައި އިންޑިއާގެ އެހެން ހިސާބުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކުން ދެމުންދާ ހަމަލާތައް ވަރަށް ބޮޑަށް ވަނީ މަދުކުރެވިފައެވެ. ހަނގުރާމަވެރި ޖަމާއަތްތަކުގެ އިތުރުން ޕާކިސްތާނުގެ މަރުކަޒީ ޖާސޫސީ އިދާރާ އައި.އެސް.އައި އިން އިންޑިއާގެ ގޭންގުތަކާ ގުޅިގެން ހަމަލާތައް ދިނުމަށް ރާވާކަމަށް އިންޑިއާގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް