ކ. މާލެ
|
26 އޯގަސްޓް 2020 | ބުދަ 01:04
އިންޓަ މިލާންގެ ކޯޗު އެންޓޯނިއޯ ކޮންޓޭ: ޔޫރޮޕާ ލީގުގެ ފައިނަލް މެޗުން އިންޓަ ވަނީ ސެވިއްޔާ އަތުން ބަލިވެފައި
އިންޓަ މިލާންގެ ކޯޗު އެންޓޯނިއޯ ކޮންޓޭ: ޔޫރޮޕާ ލީގުގެ ފައިނަލް މެޗުން އިންޓަ ވަނީ ސެވިއްޔާ އަތުން ބަލިވެފައި
ގެޓީ އިމޭޖަސް
ކޮންޓޭ އިންޓަގައި މަޑުކުރުން
އަންނަ ސީޒަނުގައިވެސް ކޮންޓޭ ފެންނާނީ އިންޓައިން
މި ސީޒަނުގައި ކޮންޓޭ ވަނީ އިންޓައަށް ކުރިއެރުންތަކެއް ހޯދައިދީފައި
އިންޓަ އާއި ކޮންޓޭއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އެބަހުރި ކަމަށް ރިޕޯޓުތައް ބުނޭ

އިންޓަ މިލާންގެ ކޯޗުގެ މަގާމާ މިދިޔަ އަހަރު ހަވާލުވި އެންޓޯނިއޯ ކޮންޓޭ އަންނަ ސީޒަނުގައިވެސް ފެންނާނީ އިންޓައިން ކަމަށް އެ ކުލަބުން ބުނެފިއެވެ.

ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލް މެޗުގައި ސެވިއްޔާ އަތުން 3-2 ން ބަލިވި މެޗަށްފަހު ކޮންޓޭ ވަނީ އަންނަ ސީޒަނުގައި އިންޓަގެ ކޯޗުގެ މަގާމުގައި އޭނާ ނުހުރެދާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

އެކަމަކު އިންޓައިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުލަބުގެ މެނޭޖުމެންޓުން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮންޓޭ މަގާމުން ވަކިނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބުނީ މި ސީޒަނުގައި ކޮންޓޭ ޓީމަށް ކުރިއެރުންތަކެއް ހޯދައިދީފައިވާ ކަމަށާއި، އެގޮތުން އިންޓައިން މި ސީޒަން އިޓާލިއަން ލީގުގެ ދެވަނައިގައި އޮވެ ނިންމާލިއިރު، ޔޫރަޕާ ލީގުގެ ފައިނަލަށް އިންޓަ ގެންގޮސްދީފައިވާ ކަމަށެވެ.

ކޮންޓޭ އިތުރު އަހަރަކަށް އިންޓަގައި މަޑުކުރާނެ ކަމަށް އެ ކުލަބުން އިއުލާން ކުރި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އިންޓަ އާއި ކޮންޓޭއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. އަދި މީގެ ކުރިން ކޮންޓޭ ވަނީ އޭނާ އާއި އިންޓަ މެނޭޖުމަންޓާ ދެމެދު ހިޔާލު ތަފާތުވުން ހުރި ކަމަށް އެއްބަސްވެފައެވެ. އެގޮތުން ކޮންޓޭ ބުނީ އޭނާ އިންޓައާއެކު ހޯދަމުންދާ ކާމިޔާބީތައް މެނޭޖްމަންޓުން ބަލައި ގަންނަހެން ހީނުވާ ކަމަށާއި، ދަނޑު މަތީގައި ކޯޗާއި، ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް މެނޭޖުމަންޓުން ބަލައި ގަންނަން ޖެހޭނެ ކަމަށެވެ.

އިންޓައަށް ބަދަލުވުމުގެ ކުރިން ކޮންޓޭ އިރުޝާދު ދީފައިވަނީ ޗެލްސީއަށެވެ. މި ނިމުނު ސީޒަނުގައި ކޮންޓޭގެ އިރުޝާދުގެ ދަށުން އިންޓައިން ރަނގަޅު ނަތީޖާތަކެއް ނެރުނުއިރު، އިންޓައިން ވަނީ މި ނިމުނު ސީޒަނުގައި ކުޅުނު 54 މެޗުގެ ތެރެއިން 34 މެޗުން މޮޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް