ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 18:48
ސުޕަ ކަޕް މެޗު ކުޅުމަށް ތާވަލުކޮށްފައިވާ ބުޑަޕެސްޓްގެ ޕުސްކަސް އެރީނާ
ސުޕަ ކަޕް މެޗު ކުޅުމަށް ތާވަލުކޮށްފައިވާ ބުޑަޕެސްޓްގެ ޕުސްކަސް އެރީނާ
ގެޓީ އިމޭޖަސް
ޔުއެފާ ސުޕަ ކަޕް
ސުޕަ ކަޕް މެޗު ބަލަން ސަޕޯޓަރުން ދަނޑަށް ވައްދަނީ
ސުޕަ ކަޕް މެޗު ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވައްދާނެ
ސުޕަ ކަޕް މެޗަކީ ކޮވިޑް-19 ގެ ބްރޭކަށްފަހު ޔުއެފާގެ މެޗަކަށް ސަޕޯޓަރުން ދަނޑަށް ވައްދާ ފުރަތަމަ މެޗު

ޔުއެފާ ސުޕަ ކަޕް މެޗު ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ޔުއެފާއިން ނިންމައިފިއެވެ.

އަންނަ ސީޒަނުގެ ޔުއެފާ ސުޕަ ކަޕް މެޗު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައެވެ. ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ސުޕަ ކަޕް މެޗު ކުޅޭއިރު، އެ ދަނޑަކީ 38,652 (ތިރީސް އަށްހާސް ހަސަތޭކަ ފަންސާސް ދޭއް) މީހުންގެ ޖާގައިގެ ދަނޑެކެވެ.

އަންނަ ސީޒަނުގެ ސުޕަ ކަޕް މެޗުގައި ބައްދަލުކުރާނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޖަރުމަންގެ ބަޔާން މިއުނިކާއި ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ސެވިއްޔާއެވެ.

ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނީ އަންގާރަ ދުވަހު އޮތް ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ސުޕަ ކަޕް މެޗު ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ ޔުއެފާއިން ތައްޔާރުކުރި "ޔުއެފާ ރިޓާން ޓު ޕްލޭ ޕްރޮޓޮކޯލް" ގެ އަޖުމަބެލުމަށް ނިންމި ނިންމުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ކެފެރިން ވިދާޅުވީ މިވަގުތު އެންމެ މުހިންމީ މި ދަނޑިވަޅުގައިވެސް ފުޓްބޯޅަ މެޗުތައް ކުރިއަށް ގެންދެވޭނެކަން ސާބިތުކޮށްދިނުން ކަމަށާއި، ސަޕޯޓަރުންނަކީ ފުޓްބޯޅައިގެ އެންމު މުހިންމު އެއް ހިއްސާ ކަމަށެވެ. އަދި ސުޕަ ކަޕް މެޗު ވެގެންދާނީ ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ފެށުން ކަމަށްވެސް ކެފެރިން ވިދާޅުވިއެވެ.

ސުޕަ ކަޕް މެޗު ބަލަން ސަޕޯޓަރުން ދަނޑަށް ވައްދަން ނިންމި ނަމަވެސް، ޔުއެފާގެ އެހެން މެޗުތައް ކުރިއަށްދާނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ. ސުޕަ ކަޕް މެޗަކީ ކޮވިޑް-19 ގެ ބްރޭކަށްފަހު ޔުއެފާގެ މެޗަކަށް ސަޕޯޓަރުން ދަނޑަށް ވައްދާ ފުރަތަމަ މެޗެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ މެޗުތައްވެސް ކުރިއަށްދިޔައީ ސަޕޯޓަރުން ނުވައްދައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް