ކޮވިޑް-19 އަށް އުފައްދާ ވެކްސިން ހަމަހަމަކަމާއެކު ހުރިހާ ގައުމުތަކަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީ ގައި 172 ގައުމަކުން ބައިވެރިވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ އަދިވެސް އިތުރު ފަންޑު ބޭނުންވާ ކަމަށާއި އެހެން ކަމުން ގައުމުތަކުން އެއްބަސްވި ގޮތާއި އެއްގޮތަށް އަމަލުކުރަން މިހާރު ޖެހިފައިވާކަމަށެވެ. ކޮވެކްސް ޕްލޭންގައި ބައިވެރިވާން ޝައުގުވެރިކަން ހުރި ގައުމުތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އެކަމުގެ ޔަގީންކަން ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހުގެ ކުރިން ދޭންޖެހޭއިރު ފުރަތަމަ ޕޭމަންޓް އޮކްޓޯބަރ މަހު 9 ވަނަ ދުވަހަށް ދައްކަންޖެހެ އެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ ވެކްސިނަކީ ވަކި ގައުމެއްގެ އެއްޗެއްގެ ގޮތަށް ދެކޭވަރަށް ވައިރަސް ފެތުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. އަދި ކޮވެކްސް ގައި ބައިވެރިވުމުގެ ސަބަބުން ހުރިހާ އެންމެންނަށް ވެކްސިން ލިބުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.
ކޮވެކްސް އަކީ ޑަބްލިޔުއެޗްއޯގެ އިތުރުން ބައިނަލްއަގްވާމީ އެހެން ޖަމިއްޔާތައް ގުޅިގެން އެކުލަވާލާފައިވާ ޕްލޭނެކެވެ. މިޕްލޭންގެ ދަށުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދި ބޭނުންކުރުމުގެ ހުއްދަ ދޭއިރަށް އެވެކްސިނެއް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ މީހުންނަށް ހަމަހަމަ ކަމާއެކު ބެހިގެންދާނެ އެވެ.
މިހާތަނަށް އައިއިރު 9 ވެކްސިނެއް މިޕްލޭންގެ ދަށުން ކަވަރުކުރާއިރު މިޕްލޭންގައި ސޮއިކުރާ ހުރިހާ ގައުމުތަކަށް 2021 ވަނަ އަހަރު ނިމެންވާއިރަށް 2 ބިލިއަން ޑޯޒް ދިނުމަށް މަސައްކަތްކުރާނެ އެވެ.
ޓެޑްރޯސް ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ލިބޭނީ ވަކި މިންވަރަކަށްކަމަށާއި އެވެކްސިން ލިބެންވާނީ އެންމެ ހައިރިސްކް މީހުންނަށް ކަމަށެވެ. އޭގެތެރޭގައި ފްރޮންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން ހިމެނޭ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.