ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 15:20
ހދ. ނޭކުރެންދޫގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު
ހދ. ނޭކުރެންދޫގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު
ކުޅިވަރާ ބެހޭ ވުޒާރާ
ފުޓްސަލް ދަނޑުގެ މަސައްކަތްތައް
ނޭކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
މި ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިން
މި މަސައްކަތަށް 558,047 ރުފިޔާ ވަނީ ޚަރަދުކޮށްފައި

ހދ. ނޭކުރެންދޫގައި ކުޅިވަރާ ބެހޭ ވުޒާރާއިން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

ނޭކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށު ކައުންސިލްގެ ފަރާތުން އިއުލާން ކޮށްގެންނެވެ. އެގޮތުން ކައުންސިލުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. އެ ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްވެސް ހަރުކޮށްފައެވެ.

މި މަސައްކަތަށް 558,047 (ފަސް ލައްކަ ފަންސާސް އަށްހާސް ސާޅީސް ހަތެއް) ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ނޭކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިކަން އިއުލާން ކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭކުރެންދޫ ދަނޑުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި، އެކަމުގައި އެހީތެރިވެދެއްވީތީ އެ ރަށުގެ ކައުންސިލާއި، ޒުވާނުންނާއި، އަދި އެރަށް ހިމެނޭ މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރާއީއަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ވަޒީރު ވަނީ ނޭކުރެންދޫގައި އައުޓްޑޯ ޖިމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

ނޭކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަންނަނީ ގިނަ ފުޓްސަލް ދަނޑުތަކެއް އަޅަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއަށްވެސް މާލީ ދަތިތަކާ ކުރިމަތލާން ޖެހިފައިވާއިރު، އޭގެ ސަބަބުން ނުފެށި ހުރި ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމަކުވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ކޮވިޑް-19 ގެ ކުރިން ވަރަށް ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށްފައި އޮތުމުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ މަޝްރޫއުތަކެއް ނިމިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް