ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އުމުރުން 34 އަހަރުގެ ބޯލްޓް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ބޯލްޓް ބުނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ހޮނިހިރު ދުވަހު ހެދި ޓެސްޓުތަކުން ކަމަށާއި، އެއާއެކު ހޯމް-އައިސޮލޭޝަނަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި، ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، ހަށިގަނޑުން މިހާތަނަށް އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށްވެސް ބޯލްޓް ވަނީ ބުނެފައެވެ.
ބޯލްޓް ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ޖެމެއިކާގައި ޕާޓީއެއް ބާއްވާފައެވެ. އެ ޕާޓީގައި ބައިވެރިވި ގިނަ މީހުން މާސްކް ނާޅާ އުޅުން ކަމަށް ރިޕޯޓުތައް ބުނާއިރު، އެ ޕާޓީއަށް ދިޔަ އެންމެން ހޯމް-އައިސޮލޭޝަނަށް ދިޔުމަށް ވަނީ އަންގާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ ޕާޓީގައި މެންޗެސްޓާ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިންވެސް ވަނީ ބައިވެރިވެފައެވެ. އެއާއެކު އޭނާވެސް މިހާރު ވަނީ އައިސޮލޭޝަނަށް ބަދަލުވެފައެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސްޓާލިން ހޯމް-އައިސޮލޭޝަނަށް ބަދަލުވެފައިވާއިރު، ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އަންނަ ހަފުތާ ތެރޭގައި އިންގްލެންޑުން ފަރިތަކުރުންތައް ފަށާއިރު، ސްޓާލިންއަށް ޓީމުން ފުރުސަތު ދޭނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހުއެވެ.
ޖެމެއިކާގައި ބޯލްޓް ބޭއްވި ޕާޓީގައި ބައިވެރިވި ގިނަ މީހުން މާސްކް ނާޅާ އަދި ގައިދުރުކަމުގެ ގަވާއިދާ ޚިލާފާ އުޅުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ބޯލްޓަށް ވަނީ އަމާޒުވެފައެވެ.
ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފު ހޯދާފައިވާ ބޯލްޓަކީ ދުނިޔޭގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުގެ ރިކޯޑު އޮންނަ އެތުލީޓެވެ. އޮލިމްޕިކް ރަން މެޑަލް 8 ފަހަރު ހޯދާފައިވާ ބޯލްޓް ދުވުމުން ރިޓާޔާވީ 2017 ވަނަ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕަށްފަހުގައެވެ.