ޕީއެސްޖީއަށް ކުޅެމުން އައި ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ޗެލްސީއަށް ބަދަލުވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޕީއެސްޖީއާއެކު އެޓީމުގެ ކެޕްޓަން ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު، ޔޫރަޕްގެ ބައެއް ކުލަބުތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީއަށް ބަދަލުވާން އުމުރުން 35 އަހަރުގެ ސިލްވާ ނިންމާފައިވާއިރު، އޭނާ ޗެލްސީއާއެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސިލްވާ ބޭނުންނަމަ އިތުރު އެއް އަހަރު ޗެލްސީގައި މަޑުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށްފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސިލްވާ ބުނީ އެ މެޗަކީ އޭނާ ޕީއެސްޖީއަށް ކުޅުނު ފަހު މެޗު ކަމަށާއި، މެޗުން ބަލިވުމުން އެކަމަށް ޕީއެސްޖީގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި ޕީއެސްޖީގައި އޭނާ ހޭދަކުރި މުއްދަތުގައި ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދިފައިވާނެ ކަމަށާއި، ޕީއެސްޖީ ދޫކޮށްލަން ނިންމުމަކީ އޭނާގެ ކެރިއަރުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށްވެސް ވަނީ ބުނެފައެވެ.
ސިލްވާ ޕީއެސްޖީ ދޫކޮށްލިއިރު، ޗެލްސީގެ އިތުރުން ފިއޮރެންޓީނާއިންވެސް އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ޕީއެސްޖީގައި އަށް އަހަރު ހޭދަކުރި ސިލްވާ ވަނީ އެޓީމަށް 315 މެޗު ކުޅެދީފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު ފްރެންޗު ލީގު ހަތް ފަހަރު ހޯދާފައެވެ. އަދި އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓިމާއެކު މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.