ކ. މާލެ
|
15 އޭޕްރިލް 2017 | ހޮނިހިރު 00:26
އިންޓަ ސްކޫލް ޗެސް މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް ޗެސް މުބާރާތުގެ ތެރެއިން
ރާއްޖެއެމްވީ
އިންޓަރ ސްކޫލް ޗެސް މުބާރާތް
އިންޓަރ ސްކޫލް ޗެސް މުބާރާތް 155 ދަރިވަރުންނާއެކު ފަށައިފި
މުބާރާތުގައި 7 އުމުރުފުރާއަކުން ކުޅުންތެރިން ވަނީ ބައިވެރިވެފައި
ޓީމް އިވެންޓް ކޮންމެ މެޗެއްވެސް ކުރިއަށްދާނީ ހަތް ރައުންޑު ހިމެނޭ ގޮތަަށް
މުބާރާތުގައި ހިމެނެނީ ޓީމް އިވެންޓް އެކަނި

މޯލްޑިވްސް ޗެސް ފެޑެރޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އިންޓަރ ސްކޫލް ޗެސް މުބާރާތް 155 ދަރިވަރުންނާއެކު ހުކުރު ދުވަހު ފަށައިފި އެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށް ގެންދާއިރު، މުބާރާތުގައި ހިމެނެނީ ޓީމް އިވެންޓް އެކަންޏެވެ. އެގޮތުން ޓީމު އިވެންޓް ކޮންމެ މެޗެއްވެސް ކުރިއަށްދާނީ ހަތް ރައުންޑު ހިމެނޭ ގޮތަށެވެ.

ޗެސް ފެޑެރޭޝަންގެ ރައީސް ނޫހު އަލީ ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި ޗެސްގެ ވާދަވެރިކަން އިތުރުކޮށް ކިޔެވުމަށާއި ދަރިވަރުންގެ ވިސްނުން ތަނަވަސް ކުރުމުގެ ގޮތުން ބޭއްވޭ މުބާރާތެއް ކަމަށެވެ. އޭނާ ވިދާޅުވީ ކިޔަވަމުންދާ ދަރިވަރުން ޗެސް ކުޅުމުގެ ސަބަބުން އެ ދަރިވަރުންގެ ވިސްނުން ތޫނުވެ ކިޔެވުމުގައި ކާމިޔާބީއާ ހަމައަށް ދިއުމަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

މިމުބާރާތުގައި 8 ސްކޫލަކުން ޖުމްލަ 155 ދަރިވަރުން ބައިވެރިވާ އިރު، 7 އުމުރުފުރާއަކުން ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 8 އަހަރުންދަށް، 10 އަހަރުންދަށް، 12 އަހަރުންދަށް، 14 އަހަރުންދަށް، 16 އަހަރުންދަށް، 18 އަހަރުންދަށް އަދި 20 އަހަރުންދަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ތިން ދަންފަޅިއަކަށް ކުޅުން ކުރިއަށްދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް