ކ. މާލެ
|
24 އޯގަސްޓް 2020 | ހޯމަ 02:18
ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހަވަނަ ފަހަރަށް ބަޔާނުން އުފުލާލަނީ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހަވަނަ ފަހަރަށް ބަޔާނުން އުފުލާލަނީ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ސައްތައިން ސައްތަ ރިކޯޑަކާއެކު ބަޔާނުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފި
މިއީ ބަޔާނުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ހަވަނަ ފަހަރު
ބަޔާނުން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 11 މެޗުންވެސް މޮޅުވެފައި
ޕީއެސްޖީ އަތުން ފައިނަލްގައި ބަޔާން މޮޅުވީ 1-0 ން

ސައްތައިން ސައްތަ ރިކޯޑަކާއެކު ޖަރުމަންގެ ބަޔާން މިއުނިކުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 11 މެޗުންވެސް ބަޔާން މޮޅުވިއިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން ބަޔާން މޮޅުވީ ފްރާންސްގެ ޕީއެސްޖީ އަތުން 1-0 ންނެވެ.

މިއާއެކު ބަޔާން ވެފައިވަނީ ސައްތައިން ސައްތަ ރިކޯޑަކާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. 2012-2013 ވަނަ އަހަރުގެ މުބާރާތަށްފަހު ބަޔާނުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، މިއީ އެޓީމުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ހަވަނަ ފަހަރެވެ.

ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ދެ ޓީމުންވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.

އެގޮތުން ޕީއެސްޖީގެ ނޭމާ އާއި ކީލިއަން އެމްޕާބޭ ފޮނުވާލި ހަމަލާތައް ބަޔާންގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއެލް ނޯޔާ ވަނީ ދިފާއުކޮށްފައެވެ. އަދި ބަޔާންގެ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި އެއް ހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އޭނާ ފޮނުވާލި އިތުރު ހަމަލާއެއް ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 1-0 ން

މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހަކުން މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. އޭގެ ފަހުން ނަތީޖާ އެއްވަރުކުރުމަށް ޕީއެސްޖީގެ މާކީނިއޯސްއށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ބަޔާންގެ ގޯލްކީޕަރު ނޯޔާ ދިފާއުކުރިއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީގެ ނޭމާ އުފެއްދި ހަމަލާއެއް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި ކާމިޔާބީއާއެކު ބަޔާންގެ ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބަޔާނުން ވަނީ މި ސީޒަނުގެ ތިން ތަށި ކާމިޔާބުކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ބަޔާނުން ވަނީ ޖެހިޖެހިގެން އަށްވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދައި، ޖަރުމަން ކަޕްގެ ތަށިވެސް އުފުލާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް