ދާދި ފަހުން ބާސެލޯނާއަށް ސޮއިކުރި ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޕިޔަނިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ބާސާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ޕިޔަނިޗް މިވަގުތު ހޯމް-އައިސޮލޭޝަނުގައި ހުރިއިރު، އޭނާ ހޯމް-އައިސޮލޭޝަނުގައި 14 ދުވަސް ހޭދަކުރާނެއެވެ.
ބާސާއިން އާދީއްތަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނީ ޕިޔަނިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ސްޕެއިންއަށް ދަތުރުކުރާނީ ހޯމް-އައިސޮލޭޝަނުގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން ބާސާއިން ޕްރީ-ސީޒަން ފަށަން ޖެހޭނީ ޕިޔަނިޗް ނުލައެވެ.
ކުރިއަށް އޮތް ސީޒަނަށް ބާސާއިން ޔުވެންޓަސްއަށް ކުޅެމުން އައި އުމުރުން 30 އަހަރުގެ ޕިޔަނިޗްގެ ސޮއި ހޯދީ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު އާތޫރް މެލޯ ޔުވެންޓަސްއަށް ވިއްކާލުމަށްފަހުއެވެ.
ޕިޔަނިޗް ބާސާއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. ބާސާއިން ޕިޔަނިޗް ހޯދުމަށް 60 މިލިއަން ޔޫރޯ ޔުވެންޓަސްއަށް ދެއްކިއިރު، ބޯނަހުގެ ގޮތުގައި އިތުރު ފަސް މިލިއަން ޔޫރޯ ދައްކާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
2016 ވަނަ އަހަރު ރޯމާ ދޫކޮށް ޔުވެންޓަސްއާ ގުޅުނު ޕިޔަނިޗް ވަނީ އެޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އެޓީމަށް ކުޅެދިން 178 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ޔުވެންޓަސް އާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އިޓާލިއަން ލީގު ހަތަރު ފަހަރު ހޯދުމުގެ އިތުރަށް ޕިޔަނިޗް ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.