ކޮވިޑް-19 އަށް ރަޝިޔާއިން އުފެއްދި ވެކްސިން "ސްޕޮޓްނިކް ވީ" ގެ 6 މިލިއަން ޑޯޒް މަހެއްގެ މައްޗަށް އުފައްދާވަރަށް މަސައްކަތްކުރަމުންދާ ކަމަށް ރަޝިޔާގެ އިންޑަސްޓްރީ މިނިސްޓަރ ޑެނިސް މެޓްރޯވް ވިދާޅުވެއްޖެ އެވެ.
މިހާރު މަސައްކަތްކުރަމުން އަންނަނީ މިއަހަރު ނިމެންވާއިރު މަހެއްގެ މައްޗަށް 1.5 މިލިއަނާއި 2 މިލިއަނާ ދެމެދުގެ ޑޯޒް މަހެއްގެ މައްޗަށް އުފެއްދުމަށް ކަމަށް މެޓްރޯވް އާ ހަވާލާދީ ރަޝިޔާގެ އާރުއައިއޭ ނިއުސް އެޖެންސީން ވަނީ ބުނެފައެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އެންމެ ފުރަތަމަ ވެކްސިނެއް ރަޖިސްޓްރީކޮށް އެ ބޭނުން ކުރަން ފަށާފައިވާކަން ހާމަކުރި ގައުމަކީ ރަޝިޔާއެވެ. އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެ ގައުމުގެ ރައީސް ލަޑިމިއަރ ޕުޓިން ވަނީ އެކަން އިއުލާން ކުރައްވާފައެވެ.
މި ވެކްސިން އިތުރަށް ޓެސްޓް ކުރުމަށް އަންނަ ހަފްތާގައި 40،000 މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރަޝިޔާ އިން ވަނީ ބުނެފައެވެ. ވެކްސިން އުފެއްދުމުގެ ތިން ވަނަ ފޭސްގެ ޓެސްޓިންގ މަރުހަލާ ކުރިޔަށް އޮއްވާ ވެކްސިން ރަޖިސްޓްރީ ކުރުމަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް ވަނީ އަމާޒުވެފައެވެ. ވެކްސިން ރަޖިސްޓްރީ ކުރުމަށް ތިން ވަނަ ފޭސްގައި އެތައް ހާސް ބަޔަކަށް ވެކްސިން ދީގެން އެތައް މަސްދުވަހަކަށް ބަލަން ޖެހެއެވެ. ނަމަވެސް ރަޝިޔާއިން ވެކްސިން ރަޖިސްޓްރީ ކޮށްފައިވަނީ އެ މަރުހަލާ ފުރިހަމަ ނުކޮށެވެ. ރަޝިޔާއިން ބުނެފައިވަނީ ވެކްސިނަކީ ކާމިޔާބު ވެކްސިނެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ވައިރަސް އިން ދިފާއުވުމުގެ ބާރު މި ވެކްސިން އިން ލިބޭ ކަމަށް ރަޝިޔާއިން އަންނަނީ ބުނަމުންނެވެ.
40،000 މީހުން ގަޔަށް ވެކްސިން ޖަހައިގެން ޓެސްޓް ކުރުމުގެ މަރުހަލާ ރަޝިޔާއިން ފެށުމަށް ތައްޔާރުވަމުން އަންނައިރު ވެކްސިން އުފެއްދުމުގެ މަރުހަލާގެ އިލްމީ ދިރާސާތަކާއި ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރަޝިޔާ އާއި ވާހަކަދައްކަމުން އަންނަ ކަމަށްވަނީ ބުނެފައެވެ.
ދުނިޔޭގައި މިހާރުވެސް ކޮވިޑް-19 އަށް 160ށް ވުރެ ގިނަ ވެކްސިން އުފެއްދުމަށް މަސައްކަތްކުރަމުން އަންނައިރު މީގެތެރެއިން 32 ވެކްސިނެއް އުޅެނީ އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓް ކުރުމުގެ މަރުހަލާގައެވެ.