ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 16:13
ނ. ކެނދިކުޅުދޫގައި އަޅާ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ
ނ. ކެނދިކުޅުދޫގައި އަޅާ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ
ކުޅިވަރާ ބެހޭ ވުޒާރާ
ކެނދިކުޅުދޫ ޓާފް ދަނޑުގެ މަސައްކަތް
ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުމަކާ ގާތަށް
ބިން އެއްވަރުކުރުމުގެ މަސައްކަތް ސިވެކުން ކުރިއިރު، ޓާފް އެޅުމުގެ މަސައްކަތް ކުރަނީ އަމީން ކޮންސްޓްރަކްޝަނުން
ބިން އެއްވަރުކުރުމަށް ދެ މިލިޔަން ރުފިޔާ ޚަރަދުވިއިރު، ޓާފް އެޅުމަށް 4.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައި

ނ. ކެނދިކުޅުދޫގައި ސަރުކާރުން އަޅާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކުންނެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.

ބިން އެއްވަރުކުރުމުގެ މަސައްކަތަށް ދެ މިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު، ޓާފް އެޅުމުގެ މަސައްކަތަށް 4.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި ޓާފް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެކަމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާރުވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާއިރު، އައްޑޫ ސިޓީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރ. އަލިފުށީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ފ. ނިލަންދޫ ޓާފް ދަނޑާއި، ތ. ވިލުފުށި ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް