ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 15:55
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ: އޭނާ ބާސާ ދޫކޮށްލަން ބޭނުންވާ ކަމަށް ވަނީ ރިޕޯޓުކޮށްފައި
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ: އޭނާ ބާސާ ދޫކޮށްލަން ބޭނުންވާ ކަމަށް ވަނީ ރިޕޯޓުކޮށްފައި
ގެޓީ އިމޭޖަސް
މެސީ ބާސާ ދޫކޮށްލުން
ބާސާއިން މެސީ ދޫކޮށްލުމަކީ ހައްލެއް ނޫން: ރޮނާލްޑޯ ނަޒާރިއޯ
މެސީ ބާސާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި
މި ސީޒަން ނިމުމާއެކު ބާސާ ދޫކޮށްލަން މެސީ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނޭ

ބާސެލޯނާއިން އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ދޫކޮށްލުމަކީ ހައްލެއް ނޫން ކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް އަދި ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފިއެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ މި ސީޒަން ނިމުމާއެކު ބާސާ ދޫކޮށްލަން މެސީ ބޭނުންވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި މެސީ ބޭނުންވާނަމަ ބާސާއިން އޭނާ ދޫކޮށްލާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނާއިރު، މި ސީޒަން ބާސާއިން ނިންމާލީ ހުސްއަތާއެވެ. މިއީ ފާއިތުވި 12 ސީޒަނުގެ ތެރޭގައި ބާސާއިން ތައްޓެއް ނުލިބި ނިންމާލި ފުރަތަމަ ފަހަރެވެ. އަދި ބާސާ ވަނީ ލަދުވެތިގޮތަކަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ބަޔާން މިއުނިކް އަތުން 8-2 ން ބަލިވެފައެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގައި މިހާ ތަފާތު ބޮޑުކޮށް ބާސާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވި 74 އަހަރު ތެރޭ އެއް މެޗެއްގައި ބާސާ ކޮޅަށް 8 ލަނޑު ވަން ފުރަތަމަ ފަހަރެވެ.

މި ކަންތަކާ ގުޅިގެން މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވުނު ނަމަވެސް، ރޮނާލްޑޯ ބުނީ މެސީ އަކީ ބާސާގެ ފެންވަރުގެ މިންގަނޑު ކަޑައަޅާ ކުޅުންތެރިޔާ ކަމަށެވެ. އަދި އޭނާ ބާސެލޯނާގައި ހުރިނަމަ، އެއްވެސް ހާލެއްގައި މެސީ ދޫނުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ބުނީ މެސީ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި، އެކަމަކު ޗެމްޕިއަންސް ލީގު މެޗުން ބަލިވުމުން ހާލަތު ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން މިއީ މެސީއަށް އެ ޓީމުގެ އެހެން ކުޅުންތެރިން އެހީވާންޖެހޭ ވަގުތު ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން ބާސާހެ ކޯޗުގެ މަގާމާ އަލަށް ހަވާލުވި ރޮނާލްޑް ކޫމަން ބުނީ މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، ކޮންމެ މީހަކުވެސް އެންމެ މޮޅު ކުޅުންތެރިޔާ އަމިއްލަ ޓީމުގައި ބަހައްޓަން ބޭނުންވާނެ ކަމަށެވެ. އެގޮތުން ބާސާގެ ކުރިމަގާ މެދު މެސީއާ ވާހަކަ ދައްކާނެ ކަމަށާއި، އޭނާގެ އުންމީދަކީ ގިނަ އަހަރުތަކެއް ވަންދެން މެސީއާއެކު މަސައްކަތްކުރުން ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ބާސާގެ ރައީސް ބާޓޮމެއޫ ވަނީ މެސީ ބާސާ ދޫކޮށް ނުދާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަންނަ އަހަރުގެ ހޫނު މޫސުމުގައި މެސީގެ އެއްބަސްވުން ހަމަވާއިރު، އޭނާގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން ބާސާއިން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް