މާރޗް މަހުގެ 7 ވަނަ ދުވަހަށް ފަހު ދެކުނު ކޮރެއާ އިން ރެކޯޑް އަދަދަކަށް އައު ކޭސް ރިޕޯޓު ކޮށްފިއެވެ.
އެ ގައުމުގެ ސިއްހީ ވުޒާރާ އާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ ގައުމުގެ ހުރިހާ ބޮޑެތި ސިޓީތަކާއި ޕްރޮވިންސްތަކުން އައު ކޭސްތައް ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން، އާދިއްތަ ދުވަހު 397 ކޭސް ފެނިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އާދިއްތަ ދުވަހު އަލަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރި އަދަދަކީ މަރޗް މަހުގެ 7 ވަނަ ދުވަހުގެ ފަހުން އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރި ދުވަހެވެ. އެއާއެކު އެ ގައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 17،399ށް އަރާފައެވެ.
ކޮރެއާ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ކޭސީޑީސީ) އިން ބުނީ، އައު ކޭސްތަކުގެ ތެރެއިން 387 ކޭސްއަކީ ލޯކަލް ޓްރާންސްމިޝަން ކޭސްތަކެއް ކަމަށެވެ. އަދި، 297 ކޭސް ފެނިފައިވަނީ އެ ގައުމުގެ ވެރިރަށް ސޯލްއިން ކަމަށެވެ.
ބޮޑެތި ސިޓީތަކުން ކޭސްތައް ފެނިފައިވަނީ، އެ ގައުމުގެ ވެރި ރަށް ސޯލްގައި ކުރިޔަށް ގެންދިޔަ ސިޔާސީ އެއްވުމާ ގުޅިގެން އެ ގައުމުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ އައު ކްލަސްޓަރ އެއް ފެނިފައިވާތީ ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސިއްހީ އޮފިޝަލުން ދީފައިވަނިކޮށެވެ. އަދި އެ ގައުމުގެ ވައިސް ހެލްތު މިނިސްޓަރ ކިމް ގެންގް ލިޕް ވަނީ ހާލަތަކީ ވަރަށް ސީރިއަސް ހާލަތެއް ކަމަށް ވިދާޅުވެފައެވެ. އަދި ގިނަ ކޭސްތަކެއް މިހާރު ރިޕޯޓު ކުރަމުން ދަނީ އެ އެއްވުމާއި ގުޅިގެން ކަމަށް ވެސް ކޭސީޑީސީން ވަނީ ބުނެފައެވެ.
ދެކުނު ކޮރެއާ އަކީ ޗައިނާ އިން ބޭރުން އެންމެ ފުރަތަމަ ވައިރަސް ފެނުނު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެ ގައުމުގައި ޓެސްޓް ކުރުމާއި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް އަނެއްކާވެސް ވައިރަސް ފެތުރުން ފެށުމާއެކު އެ ގައުމުގެ އޮފިޝަލުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ގޮތްތަކެއް ހޯދަމުންނެވެ. އެގޮތުން ކޮންޓެކްޓް ވެފައިވާ މީހުން އަމިއްލައަށް ޓެސްޓް ކުރުމަށް އަދި އައިސޮލޭޓް ވުމަށް އޮފިޝަލުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
ދެކުނު ކޮރެއާއިން އައު ކޭސްތަކެއް ފެނުނު ނަމަވެސް، އިތުރު މީހަކު ބަލީގައި މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް އެ ގައުމުން ބަލި ޖެހިގެން މަރުވެފައިވަނީ، 309 މީހުންނެވެ.