އިޓަލީގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް މެއި މަހު ލުއިތައް ދިންފަހުން ފުރަތަމަ ފަހަރަށް އެގައުމުގައި ދުވާލެއްގެ މައްޗަށް ބަލި ޖެހުނު މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް ގޮސްފިއެވެ.
އިޓަލީގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު އެގައުމުގައި އަލަށް 1071 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވި މިނުގައި ކޮވިޑް-19 ފެތުރުނު އެއް ގައުމެވެ. 35،000ށް ވުރެ ގިނަ މީހުން އެބަލީގައި މިހާތަނަށް އައިއިރު އެގައުމުން މަރުވެފައިވާއިރު އެންމެ ބޮޑަށް އިޓަލީގައި ކޮވިޑް-19 ފެތުރިފައިވަނީ މާރޗް އަދި އޭޕްރީލް މަހުއެވެ.
މެއި މަހުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއް ދެމުންގޮސްފައިވާއިރު އިޓަލީގައި ކޭސްތައް އިތުރުވާން ފަށާފައިވަނީ ފާއިތުވި މަހުން ފެށިގެންނެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައި ކޭސްތައް އިތުރުވާން ފަށާފައިވަނީ ޗުއްޓީއާއި ރޭގަނޑުގެ ގިނަ ބަޔަކު އެއްވެގެން ކުރިޔަށް ގެންދާ ހަރަކާތްތައް ގިނަވުމުގެ ސަބަބުންނެވެ.
އިޓަލީގައި އެންމެ ފަހުން ދުވާލެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން އެންމެ ފަހުން ރިޕޯޓްކޮށްފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ 1402 މީހުންނަށެވެ. އެއީ ރެސްޓޯރެންޓްތަކާއި، ފިހާރަތައް އަދި ބާރ ތައް ހުޅުވާލުމުގެ ހަ ދުވަސް ކުރިންނެވެ.
އިޓަލީގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް މަރުވާ މީހުންގެ އަދަދު މައްޗަށް ނުދާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އެގޮތުން ހޮނިހިރު ދުވަހު މަރުވެފައިވަނީ ތިން މީހުންކަމަށާއި ހުކުރު ދުވަހު ބަލިޖެހިގެން މަރުވެފައިވަނީ ނުވަ މީހުންކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އިޓަލީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން ކްލަބް ތަކާއި ޑިސްކޯތައް ބަންދުކުރުމާއި ރޭގަނޑު ބޭރަށް ނިކުމެ އުޅޭނަމަ މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި އީޔޫ ނޫން ގައުމުތަކުން އެގައުމަށް އެތެރެވުން މަނާކޮށްފައިވާއިރު ޔޫރަޕްގެ ގައުމުތަކުން އެނބުރި އަންނަ މީހުން ޓެސްޓް ކުރުމާއި ކަރަންޓީނުވުން ވަނީ މަޖުބޫރުކޮށްފައެވެ.