ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 18:28
ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް: އޭނާ ވިއްކާލަން ބާސާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ
ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް: އޭނާ ވިއްކާލަން ބާސާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ
ގެޓީ އިމޭޖަސް
ބާސާގައި ސުއަރޭޒްގެ ކުރިމަގު
ބެންޗުގައި އިންނަން ޖެހުނަސް މައްސަލައެއް ނެތް: ސުއަރޭޒް
ސުއަރޭޒް ހޯދުމަށް އަޔަކްސްއިން އަންނަނީ މަސައްކަތް ކުރަމުން
އުމުރުން ދޮށިވުމުން ޓީމު ދޫކޮށްލަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވަނީ ބުނެފައި

ބާސެލޯނާގެ ބެންޗުގައި އިންނަން ޖެހުނަސް މައްސަލައެއް ނެތް ކަމަށް އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

ބާސާގައި ތިބި އޭނާގެ އުމުރު ދޮށި ކުޅުންތެރިން ވިއްކާލަން އެ ކްލަބުން މަސައްކަތް ކުރާ ކަމަސް ރިޕޯޓުކޮށްފައިވާއިރު، އުމުރުން 33 އަހަރުގެ ސުއަރޭޒްވެސް ވިއްކާލަން ބާސާއިން ނިންމާފައިވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. އެއާއެކު ސުއަރޭޒް ގަތުމަށް އޭނާގެ ކުރީގެ ކުލަބު އަޔަކްސްއިން މަސައްކަތް ކުރަމުންދާ ކަމަށާއި، އަޔަކްސްއިން ސުއަރޭޒް ހޯދުމަށް 15 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅިގެން ސުއަރޭޒް ބުނީ ބާސާ ދޫކޮށްލަން އޭނާއަށް މިހާތަނަށް މީހަކު އަންގާފައިނުވާ ކަމަށެވެ. އަދި މީޑިއާގައި ދެކެވޭ ވާހަކަތައް ބާސާގެ މެނޭޖުމަންޓުން އޭނާ ގާތުގައި ބުނުން މާ ރަނގަޅުވާނެ ކަމަށްވެސް ސުއަރޭޒް ވަނީ ބުނެފައެވެ.

ސުއަރޭޒް އިތުރަށް ބުނީ ބާސާގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބުން އެއީ މައްސަލައެއް ނޫން ކަމަށާއި، ބެންޗުގައި އިންނަން ޖެހުނަސް އެކަމަށް ތައްޔާރަށް ހުރި ކަމަށެވެ. އަދި އުމުރުން ދޮށިވުމުން ޓީމު ދޫކޮށްލަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، އޭނާއަށް އަދިވެސް ބާސާއަށް ކާމިޔާބީ ހޯދައިދިނުމުގައި އެހީތެރިވެވޭނެ ކަމަށް ސުއަރޭޒް ވަނީ ބުނެފައެވެ.

ބާސާއިން އެ ޓީމުގައި ތިބި ދުވަސްވީ ކުޅުންތެރިން ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން އަލަށް ކޯޗުގެ މަގާމާ ހަވާލުވި ރޮނާލްޑް ކޫމަން ބުނީ އުމުރުން ދޮށިވުމަކީ މައްސަލައެއް ނޫން ކަމަށާއި އޭނާގެ މަސައްކަތުގައި ބައިވެރިވާން އެދޭ ކުޅުންތެރިއެއްނަމަ، މަސައްކަތްކުރާނަމަ ފުރުސަތު ދޭނެ ކަމަށެވެ.

ސުއަރޭޒް ހޯދުމަށް އޭނާ ކުރީގެ ކުލަބު އަޔަކްސްއިން މަސައްކަތް ކުރަމުން އަންނައިރު، ސުއަރޭޒް އެންމެ ފުރަތަމަ އަޔަކްސްއާ ގުޅުނީ 2007 ވަނަ އަހަރުއެވެ. އަޔަކްސްގައި ހޭދަކުރި ހަތަރު ސީޒަންގައި ސުއަރޭޒް ވަނީ އެކުލަބަށް ކުޅެދިން 159 މެޗުން 111 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެއަށްފަހު 2010 ވަނަ އަހަރު ސުއަރޭޒް ބަދަލުވީ ލިވަޕޫލަށެވެ. ލިވަޕޫލާއެކުވެސް އޭނާ ހަތަރު ސީޒަން ހޭދަކުރިއިރު، ސުއަރޭޒް ވަނީ ލިވަޕޫލަށް ކުޅެދިން 133 މެޗުގައި 82 ލަނޑު ކާމިޔާބުކޮށްފައެވެ.

ސުއަރޭޒް ބާސާއަށް ބަދަލުވީ 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށެވެ. އޭނާ މިހާތަނަށް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ސުއަރޭޒް ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް