ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ހަމަޖެއްސި އިނގިރޭސިވިލާތުގެ ކުރީގެ ކުޅުންތެރިޔާ ޖުޑާން އަލީ މަގާމުން ވަކިކޮށްފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޖުޑާން އާއެކު އެފްއޭއެމުން އެއްބަސްވިއިރު، އެ އެއްބަސްވުމުގެ މުއްދަތެއް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު އެފަހަރު އެފްއޭއެމުން ބުނީ އެއީ ދިގު މުއްދަތުގެ އެއްބަސްވުމެއް ކަމަށެވެ.
އެކަމަކު ހޮނިހިރު "ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ޖުޑާން މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށާއި، އޭނާ މަގާމުން ވަކިކުރަން ނިންމީ ކޮވިޑް-19 އާ ގުޅިގެން އެފްއޭއެމްގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާއިރު، މުސާރަ ކުޑަކުރަން ޖުޑާން އެއްބަސްނުވުމުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުޑާންއަށް މަހު މުސާރައިގެ ގޮތުގައި ސްޕޮންސަރެއް މެދުވެރިކޮށް ލިބޭ ފައިސާއިން މަހަކު 9،000 ޑޮލަރު ދިނުމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ނިންމާފައެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ޖުޑާންއާއެކު އެފްއޭއެމުން މަޝްވަރާ ކޮށްފައިވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށްވާ 4،500 ޑޮލަރު ދިނުމަށެވެ. އެކަމަކު އެ މަޝްވަރާތައް ކާމިޔާބުނުވެ ދިގުލައިގެން ދިޔުމުން އޭނާ މަގާމުން ވަކިކުރަން އެފްއޭއެމުން ވަނީ ނިންމާފައެވެ.
ޖުޑާން އަކީ ސްޕެއިންގެ ބާސެލޯނާގެ ކާމިޔާބު އެކަޑަމީ ކަމަށްވާ ލަމާސީއާގައި 10 އަހަރު މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. އާސެނަލް އަދި ބާސާގެ ޔޫތު ޓީމަށް ކުރިން ކުޅެފައިވާ ޖުޑާން ވަނީ އޭޝިއާ ބައްރުގެ ގިނަ ގައުމުތަކެއްގައިވެސް މީގެކުރިން މަސައްކަތްކޮށްފައެވެ.
ޔުއެފާ އޭ ލައިސެންސް ހާސިލުކޮށްފައިވާ ޖުޑާންގެ އެންމެ ހާއްސަ ރޮނގަކީވެސް ޔޫތު ކޯޗިންއެވެ. އެގޮތުން 2013 ވަނަ އަހަރު ޓައިވާންގެ އެލީޓް ފުޓްބޯލް ޑިވެލޮޕްމެންޓްގެ ހެޑަކަށް އޭނާ ހަމަޖެއްސިއެވެ. އަދި ކޯޗެއްގެ ގޮތުގައި އޭނަ ވަނީ އިންޑޮނޭޝިއާގެ ސުޕަ ލީގުގައިވެސް މަސައްކަތްކޮށްފައެވެ. އަދި ހޮންކޮންގްގެ ކިޗީ އެފްސީގެ ޔޫތު ޓީމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
ޖުޑާން އަކީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ހަވާލުވި އެންމެ ތަޖުރިބާހުރި ކޯޗެވެ.