ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ހޯދުމަށް އޭނާގެ ކުރީގެ ކުލަބު ނެދަލެންޑްސްގެ އަޔަކްސްއިން ބިޑް ކުރަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 33 އަހަރުގެ ފޯވާޑް ހޯދުމަށް އަޔަކްސް އޮތީ 15 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި ބިޑް ހުށަހަޅާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އަޔަކްސްއިން ސުއަރޭޒްއަށް ބިޑް ކުރުމަށް ތައްޔާރުވަމުން އަންނައިރު، ސުއަރޭޒް ގަތުމަށް އިޓަލީގެ އޭސީ މިލާން އާއި ނާޕޮލީންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ސުއަރޭޒް ވިއްކާލުމަށް ބާސާއިން އަމާޒުހިފާފައިވާ ކަމަށް ރިޕޯޓުތައް ބުނިއިރު، އެ ކްލަބުން ސުއަރޭޒް ވިއްކާލަނީ އޭނާގެ އުމުރު ދޮށިވުމާއި، އިންޓައަށް ކުޅެމުން އަންނަ ލަޓާރޯ މާޓިނޭޒް ގަތުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކަމަކު ބާސާއިން އެ ޓީމުގައި ތިބި ދުވަސްވީ ކުޅުންތެރިން ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން އަލަށް ކޯޗުގެ މަގާމާ ހަވާލުވި ރޮނާލްޑް ކޫމަން ބުނީ އުމުރުން ދޮށިވުމަކީ މައްސަލައެއް ނޫން ކަމަށާއި އޭނާގެ މަސައްކަތުގައި ބައިވެރިވާން އެދޭ ކުޅުންތެރިއެއްނަމަ، މަސައްކަތްކުރާނަަމަ ފުރުސަތު ދޭނެ ކަމަށެވެ.
އަދި ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ދާދި ފަހުން ވިދާޅުވީ އަންނަ ސީޒަނަށް އެ ކުލަބުން ބޮޑު ޓްރާންސްފާއެއް ކުރުމަށް ވިސްނާފައިނުވާ ކަމަށާއި، އެހެން ކަމުން މާޓިނޭޒްއަށް ބިޑް ނުކުރާނެ ކަމަށެވެ.
ސުއަރޭޒް އެންމެ ފުރަތަމަ އަޔަކްސް އާއި ގުޅުނީ 2007 ވަނަ އަހަރުއެވެ. އަޔަކްސްގައި ހޭދަކުރި ހަތަރު ސީޒަންގައި ސުއަރޭޒް ވަނީ އެކްލަބަށް ކުޅެދިން 159 މެޗުން 111 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެއަށްފަހު 2010 ވަނަ އަހަރު ސުއަރޭޒް ބަދަލުވީ ލިވަޕޫލަށެވެ. ލިވަޕޫލާއެކުވެސް އޭނާ ހަތަރު ސީޒަން ހޭދަކުރިއިރު، ސުއަރޭޒް ވަނީ ލިވަޕޫލަށް ކުޅެދިން 133 މެޗުގައި 82 ލަނޑު ކާމިޔާބުކޮށްފައެވެ.
ސުއަރޭޒް ބާސާއަށް ބަދަލުވީ 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށެވެ. އޭނާ މިހާތަނަށް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ސުއަރޭޒް ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.