މީގެކުރިން ނިއުޒިލެންޑަކީ ކޮވިޑް ފްރީ ގައުމެއްގެ ގޮތުގައި ކަނޑައެޅުމާއި އެކު ޚަބަރުތަކުގެ ފަލަ ސުރުހީއަށް އަރާ އެގައުމުން މަސައްކަތް ކުރީ އެމެރިކާ ދަށް ކޮށްލުމުގެ ބޭނުމުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ނިއުޒިލެންޑްގެ އައުޓްބްރޭކް ގެ ވާހަކަ ފާހަގަކުރައްވާ، އެމެރިކާ އިން ވައިރަސް ކޮންޓްރޯލް ކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ގެންދަވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެ ގައުމުން ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަޅާކިޔަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެހެން ގައުމުތަކުން މަސައްކަތް ކުރަމުންދަނީ އެމެރިކާގެ ތަސައްވަރު ގޯސްކުރުމަށް ކަމަށާއި އެހެންނަމަވެސް، ވައިރަސް ކޮންޓްރޯލް ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. ނިއުޒިލެންޑަކީ ކޮވިޑް ފްރީ ގައުމެއްގެ ގޮތުގައި ކަނޑައެޅުމާއި އެކު ޚަބަރުތަކުގެ ފަލަ ސުރުހީއަށް އަރާ އެ ގައުމުން މަސައްކަތް ކުރީ އެމެރިކާ ދަށް ކޮށްލުމުގެ ބޭނުމުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
100 ދުވަހު ލޯކަލް ޓްރާންމިޝަން އާއި ގުޅޭ އެއްވެސް ކޭސްއެއް ނުފެނި އޮތުމަށްފަހު ނިއުޒިލެންޑުން ވަނީ ކޮވިޑްގެ ކޭސްތަކެއް ރިޕޯޓު ކުރަން ފަށާފައެވެ.
ޓްރަމްޕަށް ރައްދު ދެއްވަމުން ނިއުޒިލެންޑުގެ ބޮޑު ވަޒީރު ޖެސިންޑާ އާރޑާން ވިދާޅުވީ އެގައުމުގައި ފެނިފައިވާ ކްލަސްޓަރ އާއި އެމެރިކާއިން ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރަމުންދާ އެތައް ހާސް ކޭސް ތަކާއި އަޅާ ނުކިޔޭނެ ކަމަށެވެ.
ނިއުޒިލެންޑުން ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ފަސް ކޭސް ރިޕޯޓުކޮށްފައެވެ. މިއާއެކު އެގައުމުން ޕޮޒިޓިވްވި މީހުންގެ އަދަދު 1304ށް އަރާފައެވެ.
އެމެރިކާއިން މިހާތަނަށް 5.5 މިލިއަނަށް ވުރެ ގިނަ ކޭސް ރިޕޯޓު ކޮށްފައިވާއިރު، މި ވައިރަސްގައި މަރުވި މީހުންގެ އަދަދު ވަނީ 173114ށް އަރާފައެވެ.