ކ. މާލެ
|
20 އޯގަސްޓް 2020 | ބުރާސްފަތި 02:30
ލިޔޯން އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 3-0 ން
ލިޔޯން އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ލިޔޯން ބަލިކޮށް ބަޔާން ފައިނަލަށް
ލިޔޯން އަތުން ސެމީގައި ބަޔާން މޮޅުވީ 3-0 ން
ފައިނަލްގައި ބަޔާން ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ލިޔޯން ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ބަޔާން މިއުނިކް ހޯދައިފިއެވެ.

ކުއާޓާއިން ފެށިގެން ޗެމްޕިއަންސް ލީގުގެ މެޗުތައް ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، ބުދަ ދުވަހުގެރޭ ކުޅުނު ސެމީގެ ދެވަނަ މެޗުން ލިޔޯންގެ މައްޗަށް ބަޔާން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. ލިޔޯން ބަލިކޮށް މުބާރާތުގެ ފައިނަލަށް ބަޔާން ދަތުރުކުރިއިރު، މިއީ މި މުބާރާތުގެ ފައިނަލްގައި ބަޔާން ވާދަކުރާނެ ހަވަނަ ފަހަރެވެ. އެންމެ ފަހުން ބަޔާނުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނީ 2012-2013 ވަނަ އަހަރުގެ ސީޒަނުގައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ސެމީގެ މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ޖޯޝުއާ ކިމިޗްގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ސާޖް ގްނަބްރީއެވެ.

މި ލަނޑަށްފަހުވެސް ބަޔާނުން ވަނީ ލިޔޯންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ބަޔާނުން ވަނީ މެޗުގެ 33 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ގްނަބްރީއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ބަޔާނުން ވަނީ ފުލުފުލުގައި ލިޔޯންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެކަމަކު ބަޔާނުގެ ހަމަލާތައް ލިޔޯނުގެ ގޯލްކީޕަރާއި އެޓީމުގެ ޑިފެންޑަރުން ވަނީ ހުއްޓުވާފައެވެ.

އެކަމަކު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބަޔާނުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިމިޗްގެ އެހީތެރިކަމާއެކު އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ.

މިނަތީޖާއާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ބަޔާން ފައިނަލަށް ދަތުރުކުރިއިރު، ފައިނަލްގައި އެޓީމު ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ. ޕީއެސްޖީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެޓީމު ފައިނަލަށް ދަތުރުކުރީ ސެމީގައި އާރްބީ ލެއިޕްޒީގް އަތުން 3-0 ން މޮޅުވެގެންނެވެ.

ލިޒްބަންގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް