ކ. މާލެ
|
19 އޯގަސްޓް 2020 | ބުދަ 18:32
ފްރާންސްގެ ޕީއެސްޖީގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ
ފްރާންސްގެ ޕީއެސްޖީގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފައިނަލްގައި ނުކުންނަން ބޭނުމީ ލިޔޯނާ ދެކޮޅަށް: އެމްބާޕޭ
"ލިޔޯން މޮޅުވާން އެދެނީ ފްރާންސްގެ ދެ ޓީމު ފައިނަލުން ފެންނާން ބޭނުންވާތީ"
ބަޔާން އާއި ލިޔޯން ބައްދަލުކުރާ ސެމީގެ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ނުކުންނަން ބޭނުންވަނީ ލިޔޯނާ ދެކޮޅަށް ކަމަށް ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފިއެވެ.

ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދާފައިވާއިރު، އަންގާރަ ދުވަހުގެރޭ ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، ފައިނަލަށް ލިޔޯން ދަތުރުކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި، ފައިނަލްގައި ލިޔޯނާ ބައްދަލުކުރަން ބޭނުންވާ ކަމަށެވެ.

އެމްބާޕޭ ބުނީ ބުދަ ދުވަހުގެރޭ ބަޔާން މިުއުނިކާ ދެކޮޅަށް ނުކުންނައިރު، އެ މެޗު ލިޔޯނަށް އުނދަގޫވާނެ ކަމަށާއި، މެޗުން ލިޔޯން މޮޅުވާން އޭނާ އެދެނީ ފްރާންސްގެ ދެ ޓީމު ފައިނަލުން ފެންނާން ބޭނުންވާތީ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީ އާއި ލިޔޯން ވާދަކުރުމުގެ ފުރުސަތު އޮތްއިރު، މި ދެ ޓީމު ވަނީ ދާދި ފަހުން ފްރެންޗް ލީގު ކަޕްގެ ފައިނަލްގައިވެސް ވާދަކޮށްފައެވެ. އެމެޗު ޕީއެސްޖީން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު އެމެޗުގައި އަނިޔާގެ ސަބަބުން އެމްބާޕޭ ކުޅެފައި ނުވާއިރު، އެމްބާޕޭ ބުނީ އޭނާ އަދިވެސް އަނިޔާއިން އެއްކޮށް ފިޓްނުވާ ކަމަށާއި، އެކަމަކު ވަރަށް ހިތްވަރުކޮށްގެން އަލުން ކުޅެވޭ ވަރަށް އާދެވިފައިވާ ކަމަށެވެ.

ޗެމްޕިއަންސް ލީގގެ ސެމީގައި ބަޔާން އާއި ލިޔޯން ބައްދަލުކުރާއިރު، ބަޔާން ސެމީއަށް ދަތުރުކުރީ ކުއާޓާގައި ވަރުގަދަ ބާސެލޯނާ 8-2 ން ބަލިކުރުމަށްފަހުއެވެ. އަދި ލިޔޯން ސެމީއަށް ދަތުރުކުރީ ކުއާޓާގައި މެންޗެސްޓާ ސިޓީ އަތުން 3-1 ން މޮޅުވެގެންނެވެ.

ބުދަ ދުވަހުގެރޭ ބަޔާން އާއި ލިޔޯން ބައްދަލުކުރާ ސެމީގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް