ބާސެލޯނާގެ ކޯޗުގެ މަގާމަށް ނެދަލެންޑްސް ގައުމީ ޓީމަށް އިރުޝާދު ދެމުން އައި ރޮނާލްޑް ކޫމަން ހަމަޖައްސައިފިއެވެ.
ހޯމަ ދުވަހުގެރޭގެ ވަގުތެއްގައި ބާސާއިން ވަނީ އެ ކުލަބުގެ ކޯޗުގެ މަގާމާ ޖެނުއަރީ މަހު ހަވާލުވި ކިކޭ ސެޓިއެން މަގާމުން ދުރުކޮށްފައެވެ. މީގެ ކުރިންވެސް މި ސީޒަނަށްފަހު ސެޓިއެން މަގާމުން ދުރުކުރާނެ ކަމަށް ބެލެވުނުއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސާ ވަނީ ލަދުވެތި ގޮތަކަށް ބަޔާން މިއުނިކް އަތުން 8-2 ން ބަލިވެ މުބާރާތުން ކެޓާފައެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގައި މިހާ ތަފާތު ބޮޑުކޮށް ބާސާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވި 74 އަހަރު ތެރޭ އެއް މެޗެއްގައި ބާސާ ކޮޅަށް 8 ލަނޑު ވަން ފުރަތަމަ ފަހަރެވެ.
ޖެނުއަރީ މަހު ބާސާއިން އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް، 2003 ވަނަ އަހަރަށް ފަހު ސީޒަން މެދުތެރެއިން ފުރަތަމަ ފަހަރަށް ކޯޗު ބަދަލުކުރިއިރު، ކުރިން ރެއާލް ބެޓިސްއަށް ކޯޗުކޮށްދިން ސެޓިއެންގެ ކޯޗުކަމުގައި ބާސާއަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ.
މީގެ އިތުރުން އަންގާރަ ދުވަހުގެ ވަގުތެއްގައި ބާސާއިން ވަނީ އެ ކުލަބުގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުން އެރިކް އަބިދާލްވެސް ވަކިކޮށްފައެވެ.
އެއާއެކު ބުދަ ދުވަހުގެ ވަގުތެއްގައި ބާސާއިން ވަނީ އެ ކުލަބުގެ ކޯޗުގެ މަގާމަށް ކޫމަން ހަމަޖެއްސިކަން އިއުލާން ކޮށްފައެވެ. ކޫމަން ބާސާއާ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 57 އަހަރުގެ ކޫމަން ބާސާއާ ހަވާލުވީ، އޭނާ ނެދަލެންޑްސް އާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމަށްފަހުއެވެ. ކޫމަން ނެދަލެންޑްސް އާއެކު ހަދާފައި އޮތް އެއްބަސްވުން 2022 ވަނަ އަހަރު ހަމަވަން އޮތްއިރު، އެ އެއްބަސްވުން އުވާލަން ބާސާއިން ދެ މިލިޔަން ޔޫރޯ ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިން ބާސާއަށް 1989-1995 ށް ކުޅެދިން ކޫމަން ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.
ބާސާއާ ކޫމަން ހަވާލުވިއިރު، މި ސީޒަނުގެ ސްޕެނިޝް ލީގު ބާސާއިން ނިންމާލީ ދެވަނައިގައި އޮވެގެންނެވެ. އަދި މި ސީޒަން އެ ކުލަބުން ހުސްއަތާ ނިންމާލިއިރު، މިއީ ފާއިތުވި 12 ސީޒަނުގެ ތެރޭގައި ބާސާއިން ތައްޓެއް ނުލިބި ނިންމާލި ފުރަތަމަ އަހަރެވެ.