ކ. މާލެ
|
19 އޯގަސްޓް 2020 | ބުދަ 12:57
އެމްޕީއެލް ސަރަހައްދު
އެމްޕީއެލް ސަރަހައްދު
ޔޫސުފް ސޮފްވާން ރަޝީދު
އިމްޕޯޓް އެކްސްޕޯޓް އާމްދަނީ
އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ޖުލައި މަހު އިތުރުވެއްޖެ
 
މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރި އަދި އެކްސްޕޯޓްކުރި މުދަލުގެ އަދަދު ވަނީ ދަށްވެފައި
 
މިއަހަރުގެ ޖުލައި މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 293 މިލިއަން ރުފިޔާ
 
މިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 292 މިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 0.6 އިންސައްތަ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިމްޕޯޓް އެކްސްޕޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 292 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ޖުލައި މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 293 މިލިއަން ރުފިޔާއެވެ.

ޖުލައި މަހު ދައުލަތަށް އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވާއިރު މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރުވެސް ދައުލަތަށް އިމްޕޯޓް އެކްސްޕޯޓްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ޖޫން މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 211 މިލިއަން ރުފިޔާއެވެ.

އެހެންނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރި އަދި އެކްސްޕޯޓްކުރި މުދަލުގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައިމަހު 3.7 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އިމްޕޯޓްކޮށްފައެވެ. ނަމަވެސް ނިމުނު ޖުލައި މަހު ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 49 އިންސައްތައިގެ ދަށްވުމެކެވެ.

އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ޖުލައިމަހު 208 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، ނިމުނު ޖުލައި މަހު އެކްސްޕޯޓްކޮށްފައި ވަނީ 203 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 2 އިންސައްތައިގެ ދަށްވުމެކެވެ.

ޖުލައި މަހު އެންމެ ގިނަ މުދާ ރާއްޖެ އެތެރެކޮށްފައިވަނީ އޮމާން އިންނެވެ. އެއީ 329 މިލިއަން ރުފިޔާގެ މުދަލެވެ. އެއަށްފަހު އިންޑިޔާއިންނެވެ. އެއީ 295 މިލިއަން ރުފިޔާގެ މުދަލެވެ. ޗައިނާއިން އެތެރެކޮށްފައިވަނީ 256 މިލިއަން ރުފިޔާގެ މުދަލެވެ.

ޖުލައި މަހުގެ އެކްސްޕޯޓަށް ބަލާއިރު އެންމެ ގިނައިން ރާއްޖެއިން މުދާ ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެއީ 22 މިލިއަން ރުފިޔާގެ މުދަލެވެ. އެއަށްފަހު ވިއެޓްނާމަށެވެ. އެއީ 19 މިލިއަން ރުފިޔާގެ މުދަލެވެ. އަދި ޖަރުމަނުވިލާތަށް 18 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ.

މިދިޔަ އަހަރުގެ ޖުލައިމަހާއި އަޅާބަލާއިރު މިއަހަރުގެ ޖުލައިމަހު ރާއްޖެ އެތެރެވި އުޅަނދުފަހަރުގެ އަދަދު މަދުވިނަމަވެސް ރާއްޖެއިން ފުރާފައިވާ އުޅަނދުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު މުދާ ހިފައިގެން ރާއްޖެއަށް 79 އުޅަނދެއް އެތެރެ ވެފައިވާއިރު މިއަހަރުގެ ޖުލައި މަހު އެތެރެ ވެފައިވަނީ 72 އުޅަނދެވެ. އަދި މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއިން 86 އުޅަނދެއް ފުރާފައިވާއިރު، މިއަހަރުގެ ޖުލައިމަހު ފުރާފައިވަނީ 99 އުޅަނދެކެވެ.

މުދާ ކްލިއަރކުރުމަށް ޕްރޮސެސްކުރެވުނު ޑެކްލެރޭޝަންގެ އަދަދުވެސް ފާއިތުވި ޖުލައިމަހު ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ޕްރޮސެސްކުރެވުނު ޑެކްލެރޭޝަންގެ އަދަދު 19945 ގައި އުޅޭއިރު، މިއަހަރު ޖުލައިމަހު ޕްރޮސެސްކޮށްފައިވަނީ 8016 ޑިކްލެރޭޝަންކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެހެންނަމަވެސް މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު ރާއްޖެއަށް އެތެރެވި އަދި ފުރާފައިވާ އުޅަނދާއި މުދާ ކްލިއަރަންސްވެސް ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް