ކ. މާލެ
|
19 އޯގަސްޓް 2020 | ބުދަ 12:20
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފާރިޝް
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފާރިޝް
ރާއްޖެއެމްވީ
އައުޓްޑޯ ޖިމްތައް ގެނައުން
އައުޓްޑޯ ޖިމްތައް ގެނައުމުގެ މަސައްކަތް ދަނީ ކަނޑައަޅާފައިވާ ގޮތަށް: ފާރިޝް
"އެއްބަސްވުމުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އެކަން ކުރެވޭނެ"
"އޭސީސީ ވަދެ މަސައްކަތް ހުޓުވުމުންވެސް ވަރަށް ބޮޑަށް ލަސްވެގެންދިޔަ"
"މަޝްރޫއު ކުރިއަށް ގެންދަނީ ކޯޕަރޭޝަންގެ ރިކަރެންޓް ޚަރަދުގެ ތެރެއިން"

ކުޅިވަރާ ބެހޭ ވުޒާރާއިން މިހާތަނަށް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރި ހަމައެކަނި މަސައްކަތަކީ ރަށްރަށުގައި އެޅުމަށް ނިންމާފައިވާ 61 އައުޓްޑޯ ޖިމްތައް ގެނައުމުގެ މަސައްކަތް ނަމަވެސް، އެ މަސައްކަތްވެސް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެފައިވާ ވިދާޅުވުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ސްޕޯޓްސް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފާރިޝް ވިދާޅުވީ އައުޓްޑޯ ޖިމްތައް ރާއްޖެ ޖެނައުމުގެ މަސައްކަތް ކުރަމުންދަނީ އެއްބަސްވުމެއް ހެދިގެން ކަމަށާއި، އެއްބަސްވުމުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޚަބަރުތަކުން އެ ވާހަކަ އަޑުއިވުމުން އަޅުގަނޑުވެސް ވަރަށް ސަޕްރައިޒްވި ވާހަކައެއް އެއީ. ކޯޕަރޭޝަނުން އެ މަސައްކަތް ފަށާފައި ވަނީ ކޮންޓްރެކްޓެއް ހެދިގެން. އެ މަސައްކަތް ކުރަމުން ދަނީވެސް ކޯޕަރޭޝަންގެ ޕްރޮކިއުމެންޓް ޕްރޮސެސްގެ ތެރެއިން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުން މަސައްކަތް ކޯޕަރޭޝަނަށް ލިބުނު ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އެ މަސައްކަތް ދަނީ ވަރަށް ރަނގަޅަށް ކުރަމުން. ކޮންމެވެސް ވަރެއްގެ ލަސްތަކެއް އެބަހުރި. އެ ލަސްތައް އައިސްފައި ވަނީ ކޮވިޑާ ގުޅިގެން.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފާރިޝް

މީގެ ކުރިން ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރިގުރާމުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ އައުޓްޑޯ ޖިމްތައް ގެނައުމުގެ މަސައްކަތް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭގެ ތެރެއިން ލިބިފައި ވަނީ ދެބައިކުޅަ އެއްބައި ކަމަށާއި، މީގެ ކުރިން ރަށްރަށުގައި އަޅާ ދަނޑުތަކުގެ ބިން އެއްވަރުކުރުމާއި ޓާފް އެޅުން ފަދަ މަސައްކަތްތައް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރަން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު އެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރަން ޖެހުނީ ސްޕޯޓްސް ކޯޕަރޭޝަނުގައި އެ މަސައްކަތް ކުރުމަށް ފައިސާ ނެތުމުން ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

އެކަމަކު ފާރިޝް ވިދާޅުވީ ދެ ބަޔަކަށް ބަހާލައިގެން ދެ މަޝްރޫއެެއްގެ ގޮތުގައި ރާއްޖެއަށް ޖިމް ސާމާނު ގެނައުމަށް ނިންމާފައިވާއިރު، މި މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަދެ، މަސައްކަތް ހުޓުވުމުންވެސް ވަރަށް ބޮޑަށް ލަސްވެގެންދިޔަ ކަމަށާއި، އެހެން ނަމަވެސް މުޅި މަޝްރޫއަށް ލަސްތަކެއް ވެފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން މި މަޝްރޫއު ކުރިޔަށް ގެންދަނީ ކޯޕަރޭޝަންގެ ރިކަރެންޓް ޚަރަދުގެ ތެރެއިން ކަމަށާއި، އެހެންކަމުން ފުރަތަމަ ޝިޕްމަންޓް މާލެ އައުމުންވެސް އެތަކެތި ނުނެރެވި ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކަމަށްވެސް ފާރިޝް ވިދާޅުވިއެވެ.

މި ޕްރޮގުރާމުގައި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް އަޙްމަދު (މާއްޓޭ) ވިދާޅުވީ ކޮންމެ ހާލަތަކާ ގުޅިގެންވެސް މުއްދަތުތައް އިތުރުކުރުމުގެ މާއްދާތައް އެއްބަސްވުމުގައި ހިމެނިފައިވާ ކަމަށާއި، އެހެން ކަމުން އެ މަސައްކަތް ކުރަމުންދަނީ އެ މުއްދަތުތައް ލިބިގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް