މޮރިޝަސްގެ ފަރަށް އެރި ތެޔޮ ބޯޓުގެ ކެޕްޓަން ހައްޔަރު ކޮށްފިއެވެ.
މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ފަރަށް އެރި ޖަޕާންގެ މި ބޯޓް ދުއްވަން ހުރީ އިންޑިއާގެ ކެޕްޓަނެކެވެ.
ބޯޓުގެ ކެޕްޓަންއާއި އޭނާގެ ދަށުން ހުންނަ މީހާ އަންގާރަ ދުވަހު ޚާއްސަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާއިރު ތަހުގީގަށް ބޯޓުގެ އިތުރު ފަޅުވެރިން ވެސް ހާޒިރު ކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބޯޓު ފަރަށް އުރި، ފަރުތަކާއި ކަނޑުގެ ދިރުންތައް ނުރައްކަލެއްގެ ތެރެއަށް ދިއުމުގެ ސަބަބުން އާދިއްތަ ދުވަހު މޮރިޝަސް ވަނީ "ސްޓޭޓް އޮފް އެންވަޔަރމަންޓަލް އިމަރޖެންސީ" އެއްގައެވެ.
ބޯޓު ފަރަށް އަރައި، ބޯޓުގައި ހުރި ތެޔޮތައް ލީކުވާން ފެށުމާއެކު، އެ ޤައުމުގެ ކޯސްޓްގާރޑާއި، ކަމާބެހޭ ފަރާތްތަކުން އޭރު ވަނީ ބޯޓުގައި ހުރި ތެޔޮތައް އިތުރަށް ލީކުވިޔަނުދީ ތެޔޮތައް ބޯޓުން ހުސްކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް އެންމެ ފަހުން އާދިއްތަ ދުވަހު އިވިގެން ދިޔަ ޚަބަރަކީ 4000 ޓަނުގެ ތެޔޮ ހިފައިގެން ދިޔަ ޖަޕާނުގެ މި ބޯޓު (އެމްވީ ވަކަޝިއޯ) ބައިބައިވެ، ބޯޓުގެ ބައިތައްވެސް އޮޔާދާން ފެށި ޚަބަރެވެ.
މިހާރުވެސް 1000 ޓަނަށްވުރެ ގިނަ ތެޔޮ އެ ސަރަޙައްދުގެ ކަނޑުގެ ތެރެއަށް ލީކުވެފައިވާއިރު، 11 އޯގަސްޓުގެ ނިޔަލަށް ކުރި ދިރާސާތަކުން މިހާތަނަށް 27 ސްކޮޔަރ ކިލޯމީޓަރުގެ ސަރަޙައްދަކަށް ތެޔޮތައް ފެތުރިފައިވާކަމަށް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އަރސާ ސްޕޭސް ސިސްޓަމްސްއިން ބުނެފައިވެއެވެ. އެގޮތުން މި ޑާޓާތަކަކީ ސެޓެލައިޓް އިމޭޖްތައް މެދުވެރިކޮށް އެ ސަރަޙައްދު ބެލި ބެލުމުން ހޯދިފައިވާ ބައެއް ޑާޓާއެވެ.
މޮރިޝަސްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ ފަރުތަކެއް ލިބިފައިވާ ޤައުމެކެވެ. އެހެން ނަމަވެސް، މި ޙާދިސާއާ ގުޅިގެން މޮރިޝަސްގެ އެތައް ހާސް ކަނޑުގެ ދިރުންތަކަކަށް އޭގެ އަސަރު ކުރާނެކަމަށް މިވަނީ ބެލެވިފައެވެ. އެއާއެކު ނިމިދިޔަ ހަފްތާގައި އެ ޤައުމުން ވަނީ ތިމާވެށީގެ ކާރިސާއެއް އިއުލާނުކޮށް، އެކަމުގައި ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީއަށްވެސް އެދިފައެވެ. އަދި މޮރިޝަސްއަކީ ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު މަންޒިލެއް ކަމަށްވުމާއެކު، މި ޙާދިސާއާ ގުޅިގެން އެ ޤައުމުގެ އިޤްތިސާދަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އޭގެ އިތުރުން، ބޯޓު އުރިފައިވަނީވެސް މަދުން ނޫނީ ނުފެންނަ ކަނޑުގެ ދިރުންތަކަކުން މުއްސަނދިވެފައިވާ ސަރަޙައްދަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެ ސަރަޙައްދަކީ ބައިނަލްއަޤުވާމީ ކޮންވެންޝަނެއްގެ ދަށުން ހިމާޔަތް ކޮށްގެން ބަލަހައްޓަމުންވެސް ދިޔަ ސަރަޙައްދެކެވެ.