ކ. މާލެ
|
18 އޯގަސްޓް 2020 | އަންގާރަ 22:02
މިހާރު ބިލިއާޑް މުބާރާތްތައް ކުޅެމުން އަންނަ އެމްބީއޭ ކުލަބު ހައުސް
މިހާރު ބިލިއާޑް މުބާރާތްތައް ކުޅެމުން އަންނަ އެމްބީއޭ ކުލަބު ހައުސް
އެމްޕީބީއޭ
އެމްޕީބީއޭ ފެސިލިޓީ ތަރައްގީ ކުރުން
މަޙްލޫފްގެ މަސައްކަތަށް ބިލިއާޑްގެ ދެ ވޯލްޑް ޗެމްޕިއަނުންގެ ތަޢުރީފް!
މަޙްލޫފްގެ މަސައްކަތަށް ތަޢުރީފް ކޮށްފައިވަނީ ޖަރުމަންގެ ތޯސްޓެން ހޯމަން (ދަ ހިޓްމޭން) އާއި ރަލްފް އެކެޓް
މިއަހަރު ނިމުމުގެ ކުރިން އެމްޕީބީއޭ ފެސިލިޓީގެ މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރަމުންދޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކޮށްދިނުމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އިއުލާން ކުރުމާއެކު، ބިލިއާޑްގެ ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ދެ ކުޅުންތެރިން ތަޢުރީފް ކޮށްފިއެވެ.

ބިލިއާޑް ވޯލްޑް ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޖަރުމަންގެ ތޯސްޓެން ހޯމަން (ދަ ހިޓްމޭން) ބުނީ ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށާއި, މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ފެސިލިޓީ ގާއިމުކުރުމުން މާލެއަށް ކުޅެން އަންނާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ދުނިޔޭގެ ޗެމްޕިއަންކަން އެއް ފަހަރު ހޯދާފައިވާ، މިހާރުވެސް މަތީ ފެންވަރުގައި ބިލިއާޑް ކުޅެމުން އަންނަ ރަލްފް އެކެޓް ބުނީ ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ގާއިމުކުރުން ވެގެންދާނީ ވަރަށް އުންމީދީ ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

އެމްޕީބީއޭއަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާކަން އިއުލާން ކުރައްވާ މަޙްލޫފް މީގެ ކުރިން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީގެ މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ފެސިލިޓީއާއެކު ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމުގެ ގާބިލުކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެ ފެސިލިޓީގެ މަސައްކަތް ނިމުމާއެކު ބިލިއާޑް ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ރާއްޖެއިން ބިޑް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަޙްލޫފް ވަނީ މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެމްޕީބީއޭގެ ރައީސް އަދި އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީން ދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ރާއްޖޭގައި މިހާރު ބިލިއާޑް މުބާރާތްތައް ކުޅެމުން އަންނަނީ އެމްބީއޭ ކުލަބު ހައުސްގައެވެ. މީގެ ކުރިންވެސް މަޙްލޫފް ވަނީ އެމްބީއޭ ކުލަބު ހައުސް އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް