ކ. މާލެ
|
18 އޯގަސްޓް 2020 | އަންގާރަ 12:56
މެންޗެސްޓާ ސިޓީއަށް ކުޅެމުން އައި ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ
މެންޗެސްޓާ ސިޓީއަށް ކުޅެމުން އައި ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ
ގެޓީ އިމޭޖަސް
ސިލްވާ ސޮސިއެޑާޑަށް ބަދަލުވުން
ސިޓީ ދޫކޮށް ސިލްވާ ރެއާލް ސޮސިއެޑާޑަށް
ސިލްވާ ސޮސިއެޑާޑާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން
ސިލްވާ ވަނީ ސޮސިއެޑާޑާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައި

މެންޗެސްޓާ ސިޓީއަށް ކުޅެމުން އައި ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ރެއާލް ސޮސިއެޑާޑަށް ބަދަލުވެއްޖެއެވެ.

ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު ސިލްވާ ވަނީ މި ސީޒަން ނިމުމުން ސިޓީ ދޫކޮށްލަން ނިންމާފައެވެ. އުމުރުން މިހާރު 34 އަހަރުގެ ސިލްވާ މީގެ ކުރިން ލާޒިއޯއަށް ބަދަލުވުމަށް ނިންމާފައި އޮތް ކަމަށް ރިޕޯޓުކުރި ނަމަވެސް، ސިލްވާ ވަނީ ސޮސިއެޑާޑާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. ސިލްވާ ސޮސިއެޑާޑާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިޓާލީގެ ބަދަލުގައި އުފަން ގައުމު ކަމަށްވާ ސްޕެއިނަށް ބަދަލުވަން ސިލްވާ ނިންމީ ކެރިއަރުގެ ފަހު ކޮޅުގައި އުފަން ގައުމުގައި އާއިލާއާ އެކުގައި ގިނަ ވަގުތު ހޭދަކުރުމަށެވެ.

ވެލެންސިއާއިން 2010 ވަނަ އަހަރު ސިޓީއަށް ބަދަލުވި މިޑްފިލްޑަރު ސިޓީ ދޫކޮށް ސޮސިއެޑާޑަށް ބަދަލުވިއިރު، އޭނާ ވަނީ ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ސިޓީއަށް ކުޅެދިން 436 މެޗުގައި 77 ލަނޑު ކާމިޔާބުކޮށްފައިވާ ސިލްވާ ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދުމުގެ އިތުރަށް އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ސިޓީއަށް ސިލްވާ ކޮށްދިން ޚިދުމަތް ބަލައިގަނެ އެ ޓީމުން ވަނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް ބޭރުގައި ސިލްވާގެ ސްޓެޗޫއެއް ބަހައްޓަން ނިންމާފައެވެ.

އުމުރުން 16 އަހަރުން ފަށައިގެން ސްޕެއިންގެ ގައުމީ ޓީމުތަކަށް ކުޅުނު ސިލްވާ ވަނީ ސްޕެއިންގެ ސީނިއާ ޓީމަށް ކުޅުނު 125 މެޗުގައި 35 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕް އެއް ފަހަރު އަދި ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ސިޓީ ދޫކޮށް އަންނަ ސީޒަނަށް ސޮސިއެޑާޑާ ސިލްވާ ގުޅުނުއިރު، އެޓީމުން ވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ހަވަނައިގައި ނިންމާ، އަންނަ ސީޒަނުގައި ޔޫރޮޕާ ލީގުން ޖާގަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް