ކ. މާލެ
|
18 އޯގަސްޓް 2020 | އަންގާރަ 02:12
އިންޓަ އާއި ޝަޚްތަރު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 5-0 ން
އިންޓަ އާއި ޝަޚްތަރު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 5-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
ފަސޭހަކަމާއެކު ޝަޚްތަރު ބަލިކޮށް އިންޓަ ފައިނަލަށް
ޝަޚްތަރު އަތުން އިންޓަ މޮޅުވީ 5-0 ން
ފައިނަލްގައި އިންޓަ ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށް

ފަސޭހަކަމާއެކު ޝަޚްތަރު ޑޮނެސްކް ބަލިކޮށް، ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގެ ފަހު ޖާގަ އިންޓަ މިލާން ހޯދައިފިއެވެ.

ކުއާޓާފައިނަލުން ފެށިގެން ޔޫރޮޕާ ލީގުގެ މެޗުތައް ޖަރުމަންގައި ކުރިއަށްދާއިރު، ފައިނަލްގެ ފަހު ޖާގަ އިންޓަ ހޯދީ ހޯމަ ދުވަހުގެރޭ ކުޅުނު ސެމީފައިނަލް މެޗުގައި 2009 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ޝަޚްތަރު އަތުން 5-0 ން މޮޅުވެގެންނެވެ. މިއީ 1997-1998 ވަނަ އަހަރުގެ ސީޒަނަށްފަހު ޔޫރޮޕާ ލީގުގެ ފައިނަލްގައި އިންޓަ ކުޅޭނެ ފުރަތަމަ ފަހަރެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެކަމަކު މެޗުގެ 19 ވަނަ މިނެޓުގައި އިންޓައިން ވަނީ ލީޑު ނަގާފައެވެ. ޝަޚްތަރުގެ ގޯލްކީޕަރު އެންދްރީ ޕަޔަތޮވް ހެދި ގޯހެއްގެ ފައިދާ ނަގާ، ނިކޯލޯ ބަރެއްލާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ފޯވާޑް ލަޓާރޯ މާޓިނޭޒްއެވެ.

މެޗުގެ ދެވަނަ ހާފުގައި އިންޓައިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 64 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މާސެލޯ ބްރޮޒޮވިޗް ނަގައިދިން ކޯނަރަކުން މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ޑެނީލޯ ޑި އެމްބްރޯސިއޯއެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫގެ އެހީތެރިކަމާއެކު މާޓިނޭޒް އިންޓަގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު، އޭގެ ހަތަރު މިނެޓު ފަހުން މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ލުކާކޫ ވަނީ އިންޓަގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި އިންޓަގެ ފަސްވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ސްޓެފަންގެ އެހީއާއެކު ކާމިޔާބުކޮށްދިނީ ލުކާކޫއެވެ.

ފަސޭހަކަމާއެކު ޝަޚްތަރު ބަލިކޮށް ޔޫރޮޕާ ލީގުގެ ފައިނަލަށް އިންޓަ ދަތުރުކުރިއިރު، ފައިނަލްގައި އިންޓަ ބައްދަލުކުރާނީ މި މުބާރާތް މިހާތަނަށް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ސެވިއްޔާ އާއެވެ. ސެވިއްޔާ ފައިނަލަށް ދަތުރުކުރީ ސެމީގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 ން މޮޅުވެގެންނެވެ.

ޔޫރޮޕާ ލީގުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް