ކ. މާލެ
|
17 އޯގަސްޓް 2020 | ހޯމަ 14:13
އައްޑޫ ސިޓީ ހުޅުދޫގައި ގާއިމުކުރާ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
އައްޑޫ ސިޓީ ހުޅުދޫގައި ގާއިމުކުރާ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
އެމްޓީސީސީ
ހުޅުދޫ ޓާފް ދަނޑުގެ މަސައްކަތް
ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ
ބިން އެއްވަރުކުރުމުގެ މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 2،499،258 ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައި
ބާކީ ހުރި މަސައްކަތްތައް ވަރަށް އަވަސް މުސްތަގުބަލެއްގައި ނިންމާލެވޭނެ

އައްޑޫ ސިޓީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 2،499،258 (ދެ މިލިޔަން ހަތަރު ލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ ފަންސާސް އަށެއް) ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައެވެ.

ހޯމަ ދުވަހު އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ވަށައިގެން ގާ ޖެހުމާއި، ފެން ދައުރުވާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތްތައް ވަރަށް އަވަސް މުސްތަގުބަލެއްގައި ނިންމާލެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ހުޅުދޫ ފުޓްބޯޅަ ދަނޑުގެ އިތުރުން ރ. އަލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު އަލިފުށީ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މީގެ ކުރިން ވަނީ ފ. ނިލަންދޫ ޓާފް ދަނޑާއި، ތ. ވިލުފުށި ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް