ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރުމެންދާ ކޮވިޑް-19ގެ ކޭސްތައް ނިއު ޒިލޭންޑްޑުން އަނެއްކާވެސް ފެންނަން ފެށުމާއިއެކު އެ ގައުމުގެ އާންމު އިންތިހާބު އޮކްޓޯބަރު 17ށް ލަސްކޮށްފިއެވެ.
އެ ގައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑަންއާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ހޯމަ ދުވަހު ޕްރައިމް މިނިސްޓަރ ވަނީ އާންމު އިންތިހާބު 4 ހަފްތާއަށް ފަސްކޮށްފައެވެ. އެގޮތުން އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި ވަނީ އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަސް ކަނޑައަޅާފައެވެ. އެއަށްވުރެ ފަސްނުކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ނިއު ޒިލޭންޑްގެ ގާނޫނުގައި ބުނާ ގޮތުން އާންމު އިންތިހާބު ސެޕްޓެމްބަރު 21 ކުރިން ބާއްވަން ޖެހޭއިރު، ކުރިން ތާވަލް ކޮށްފައިވާ ގޮތުން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 19ގައެވެ. ނަމަވެސް އެ ގައުމުން ކާމިޔާބު 102 ދުވަހަށް ފަހު އަނެއްކާވެސް ކޮވިޑްގެ ކޭސްތައް ފެނުމާއި އެކު އިދިކޮޅު ޕާޓީގެވެސް އެދުމުގެ މަތިން އެގައުމުގެ ސަރުކާރުން ވަނީ އިންތިހާބު ބޭއްވުން ލަސްކުރަން ނިންމާފައެވެ.
ނިއު ޒިލޭންޑްގެ މައި އިދިކޮޅު ޕާޓީ، ނޭޝަނަލް ޕާޓީން އިންތިހާބު ފަސްކުރުމަށް ތާއީދުކުރީ ކޮވިޑްގެ ކޭސްތައް ފެނުމާއިއެކު ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދިއުމުގައި ދަތިތަކާއި ކުރިމަތި ލާންޖެހޭތީއެވެ. އެގޮތުން، ގިނަ އަދަދެއްގެ މީހުން އެއްވެ އުޅުމާއި ތަންތަނަށް ދިއުމުގައި މިދުވަސްކޮޅާއި ދިމާކޮށް، ހާއްސަ އުސޫލުތަކަށް ބޯލަނބަން ޖެހެއެވެ.
އިންތިހާބު ފަސްކުރިކަން އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރައިމް މިނިސްޓަރ އާޑަން ވިދާޅުވީ، އޮކްޓޯބަރ 17 އަށް ލަސްކުރުމުން އެހެން ޕާޓީތަކަށް ކޮވިޑުން ރައްކާތެރިވުމަށް މިހާރު އެކުލަވާލައިފައިވާ ފިޔަވަޅުތަކާއި އެކު ކެމްޕެއިން ކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި، އިތުރަށް ތާރީހު ބަދަލުކުރަން ނުވިސްނަވާކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އިތުރުށް ފެތުރިޔަނުދީ ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން 500 އަށްވުރެ ގިނަ މީހުން އެއްތަނަކަށް ޖަމާނުވުމަށް ބޮޑު ވަޒީރު ޖަސިންޑާ ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ގައުމަށް އެނބުރި އަންނަ ނިއު ޒިލޭންޑްގެ ހުރިހާ ރައްޔިތުންވެސް އައިސޮލޭޓްވާން އެކަމަނާ ގޮވައިލެއްވިއެވެ.