ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމަށް މެންޗެސްޓާ ސިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މެސީ ހޯދުމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނަސް އެކަން ކުރަން ސިޓީ އޮތީ ތައްޔާރަށެވެ. އަނެއްކޮޅުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަންނަ ސީޒަނަށް ސިޓީއަށް ގެންދަން އެންމެ ބޭނުންވާ ކުޅުންތެރިއަކީވެސް މެސީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ ތިން އަހަރުވެސް ސިޓީން އެންމެ ބޮޑަށް ޓާގެޓް ކުރީ ޔުއެފާ ޗެމްޕިއަންސް ލީގަށެވެ. އެކަމަކު މިހާތަނަށް ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މެސީ ހޯދުމަށް ސިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނިއިރު، މީގެ ކުރިން އޭނާ ހޯދުމަށް އިންޓަ މިލާނުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބާސާގެ އެތެރޭގެ ކޯޅުމަށް ފާޅުކަން ބޮޑު ގޮތެއްގައި މެސީ ފާޑު ކިޔަމުން އަންނައިރު، ބާސާ އާއެކު އުމުރުން 33 އަހަރުގެ މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ.
ރިޕޯޓުތައް ބުނާގޮތުން މެސީ ބޭނުންވަނީ އަންނަ ސީޒަނުގައި އެއްބަސްވުން ހަމަވުމުން ކުލަބު ދޫކޮށްލާށެވެ. އެގޮތުން ބާސާގެ ނިންމުންތަކުގައި މެސީގެ ނުފޫޒު އޮންނަ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަށް ހުއްޓުވަން އެ ކްލަބުގެ ބޯޑުން މަސައްކަތް ނުކުރާތީ އާއި، ބާސާގެ ބައެއް ބޯޑު މެމްބަރުން އިސްވެ އެ ޓީމުގެ ކުރީގެ ތަރިންނާއި މިހާރުގެ ބައެއް ކުޅުންތެރިންގެ އަގު ވައްޓާލަން ސޯޝަލް މީޑިއާގައި މަސައްކަތް ކުރާތީ މެސީ ބާސާގައި މަޑުކުރަން ބޭނުންނުވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އަންނަ އަހަރު މެސީގެ އެއްބަސްވުން ހަމަވާއިރު، އޭނާގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ މެސީގެ ބައްޕަ ޖޯޖް މެސީއާ އެކު ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ މަޝްވަރާކުރި ކަމަށާއި، އިތުރު ދެ އަހަރަށް ބާސާގެ އެއްބަސްވުން އާކުރަން މެސީ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު 4 ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް 6 ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.