ކ. މާލެ
|
16 އޯގަސްޓް 2020 | އާދީއްތަ 12:25
އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަން މަހިންދްރަ ސިންގް ދޯނީ
އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަން މަހިންދްރަ ސިންގް ދޯނީ
އޭއެފްޕީ
ބައިނަލްއަގުވާމީ ކްރިކެޓަށް ދޯނީ އަލްވަދާއު ކިޔުން
އިންޑިއާގެ އެންމެ ކާމިޔާބު ކެޕްޓަން ދޯނީ ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކޮށްފި
ދޯނީ އަކީ އިންޑިއާ ދުށް އެންމެ މޮޅު ވިކެޓް-ކީޕަރު
ދޯނީގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ އިންޑިއާއަށް 2011 ވަނަ އަހަރުގެ 50 އޯވަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުން

އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކޮށްފިއެވެ.

އުމުރުން 39 އަހަރުގެ ބެޓްސްމަން އަދި ވިކެޓް-ކީޕަރު ވަނީ އިންޑިއާގެ ލިމިޓެޑް-އޯވާ ކްރިކެޓް ޓީމަށް 2007-2016 ށް ކެޕްޓަންކަން ކޮށްދީފައެވެ. އަދި ވަނީ ޓެސްޓް ކްރިކެޓް ޓީމަށް 2008-2014 ށް ކެޕްޓަންކަން ކޮށްދީފައެވެ.

އިންޑިއާގެ އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަންގެ ގޮތުގައި ދޯނީ ފާހަގަކޮށްލެވޭއިރު، އޭނާ އަކީ އިންޑިއާ ދުށް އެންމެ މޮޅު ވިކެޓް-ކީޕަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އުމުރުން 39 އަހަރުގެ ދޯނީ ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކުރިކަން އިއުލާން ކޮށް ބުނީ އޭނާގެ ކެރިއަރުގައި ސަޕޯޓަރުންނާއި ކްރިކެޓަށް ލޯބިކުރާ އެންމެން ދިން ލޯތްބާއި ތާއީދަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކުރި ނަމަވެސް، ކްލަބު ލެވެލްގައި ދޯނީ ކުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އަންނަ ސެޕްޓެމްބަރު މަހު ޔޫއޭއީގައި ފަށާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ޗެންނާއީ ސުޕަ ކިންގްސްއަށް ދޯނީ ކުޅޭނެ ކަމަށް އެ ކްލަބުގެ ޗީފް އެގްޒެކެޓިވް ކަސީ ވިޝްވަނާންތު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ކްރިކެޓް ޓީމާއެކު ކެޕްޓަނެއްގެ ހައިސިއްޔަތުން ދޯނީ ހޯދި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ އިންޑިއާއަށް 2011 ވަނަ އަހަރުގެ 50 އޯވަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމެވެ. އިންޑިއާގައި ކުޅުނު މި މުބާރާތުގެ ފައިނަލުން އެ ގައުމު މޮޅުވީ ސްރީލަންކާ އަތުން ދޯނީ ހަޔަކަށް ޖެހި ބޯޅައާ އެކުއެވެ.

މީގެ އިތުރުން ދޯނީގެ ކެޕްޓަންކަމުގެ ދަށުން އިންޑިއާއިން ވަނީ 2007 ވަނަ އަހަރުގެ ޓީ20 ކްރިކެޓް ވޯލްޑް ކަޕާއި 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކޮށްފައެވެ. އަދި ދޯނީ އަކީ ކެޕްޓަނެއްގެ ގޮތުގައި އިންޑިއާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އެގޮތުން ދޯނީ ވަނީ ކެޕްޓަނެއްގެ ގޮތުގައި އިންޑިއާއަށް 332 މެޗު ކުޅެދީފައެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ޓެސްޓް ކްރިކެޓުން ދޯނީ ރިޓަޔާ ކުރިއިރު، މިދިޔަ އަހަރު އިންގްލެންޑްގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕްގެ ސެމީފައިނަލުން ނިއުޒިލެންޑް އަތުން އިންޑިއާ ބަލިވި މެޗަށްފަހު ލިމިޓެޑް-އޯވާ ކްރިކެޓް ޓީމަށް އޭނާ ކުޅެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް