ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ޖީން-ކްލެއާ ޓޮޑީބޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ބުދަ ދުވަހުގެ ވަގުތެއްގައި ބާސާއިން ވަނީ އަންނަ ސީޒަނުގެ ޕްރީ-ސީޒަނަށް ނުކުތް ނުވަ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ. އެކަމަކު ބާސާއިން އެ ކުޅުންތެރިއެއްގެ ނަން ހާމަކޮށްފައެއް ނުވެއެވެ.
ބާސާއިން ކުޅުންތެރިޔާގެ މައުލޫމާތު ހާމަނުކުރި ނަމަވެސް، ބުދަ ދުވަހުގެ ވަގުތެއްގައި ޓޮޑީބޯ ވަނީ ބާސާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އޭނާ ކަމަށް ބުނެފައެވެ. ޓޮޑީބޯ ކުރި ޓްވީޓެއްގައި ބުނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، ހަށގަނޑުން އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ޓޮޑީބޯ އަކީ ބާސާއިން ޔުއެފާ ޗެމްޕިއަންސް ލީގަށް އެކުލަވާލި ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެއް ނޫނެވެ. އަދި ޕޯޗުގަލްގެ ލިޒްބަންއަށް ފުރާ ސްކޮޑުގެ އެއްވެސް ކުޅުންތެރިއަކާ ޓޮޑީބޯ ދިމާނުވާ ކަމަށް ބާސާއިން ވަނީ ހާމަކޮށްފައެވެ.
ޓުލޫސް ދޫކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބާސާއާ ގުޅުނު އުމުރުން 20 އަހަރުގެ ޑިފެންޑަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއުރު، އޭނާއަށް ބާސާގެ ޖާޒީގައި އަދި މިހާތަނަށް މާކަ ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ދެ ސީޒަނުގައި ޓޮޑީބޯ ކުޅެފައިވަނީ އެންމެ ފަސް މެޗެވެ. އެކަމަކު އޭނާ ވަނީ ބާސާ އާއެކު 2018-2019 ވަނަ ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.