ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ރަޝިޔާއިން އުފެއްދި ކޮވިޑް-19ގެ ވެކްސިނަށް ޕްރީ ކޮލިފިކޭޝަން ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފިއެވެ.
އަންގާރަ ދުވަހު ޑަބްލިޔުއެޗްއޯގެ ސްޕޯކްސްޕާރސަން ތާރިކް ޖަރސަރެވިކްއާ ހަވާލީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވަނީ ވެކްސިންގައި ބަލަން ޖެހޭ ކަންކަން މިހާރު ބެލުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެގޮތުން ޑަބްލިޔުއެޗްއޯ އާއި ރަޝިޔާގެ ސިއްހީ ދާއިރާގެ ވުޒާރާތަކާ މެދު ކޮވިޑް ވެކްސިން އަށް ޕްރީ ކޮލިފިކޭޝަން ދިނުމަށް ބަލަން ޖެހޭ ކަންތައްތައް ބަލަން މަޝްވަރާ ކުރަމުންދާ ކަމަށް ސްޕޯކްސްޕާރސަން ވިދާޅުވިއެވެ. އަދި ވިދާޅުވީ ޑަބްލިޔުއެޗްއޯގެ ޕްރީ ކޮލިފިކޭޝަންގައި ހަދަންޖެހޭ ޓެސްޓުތައް ހަދައި އޭގެ ނަތީޖާތައް ދިރާސާކޮށް ބޭނުން ކުރުމަށް ކިހާ ސަލާމަތްތެރި ވެކްސިންއެއްތޯ ޔަގީން ކުރުމަށްޓަކައި ޓެސްޓު ކުރުމުގެ މަޝްވަރާތައް ވެސް ކުރަމުންދާ ކަމަށެވެ.
ކޮވިޑް-19 އަށް ރަޝިޔާ އިން އުފެއްދި ވެކްސިން ރަޖިސްޓްރީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ފުރަތަމަ ގައުމަކީ ރަޝިޔާ ކަމަށް އެގައުމުގެ ރައީސް ލަޑިމިއަރ ޕުޓިން ވަނީ ވިދާޅުވެފައެވެ. ވެކްސިން ދޭން ފެށި އެކަކީ އެމަނިކުފާނުގެ ދަރިކަނބަލުންކަން ފާހަގަކުރައްވައި ޕުޓިން ވިދާޅުވީ ވެކްސިންގެ އަސަރު ރަނގަޅަށް ކުރާކަން ޓެސްޓްތަކުން ހާމަވެފައިވާ ކަމަށެވެ. އަދި ކޮވިޑް-19ގެ ވައިރަހުން ދިފާއުވުމުގެ ބާރު މި ވެކްސިންގައި ހުންނަ ކަމަށް ޕުޓިން ވިދާޅުވިއެވެ.