ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 15:57
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމްގައި ވީއޭއެމްގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވީއޭއެމްގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ވީއޭއެމްގެ ހަމަނުޖެހުން
އޮފީހަށް ނުވަދެވުނެއް ކަމަކު ކުޅުންތެރިންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނަން: ލަތީފް
ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލައި ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު
އެފްއައިވީބީން ވަނީ ނޯމަލައިޒޭޝަން ކޮމެޓީގެ ބަލައިނުގަންނަ ކަމަށް މީގެ ކުރިން ބުނެފައި
މިދިޔަ އަހަރު ވޮލީބޯޅައިގެ ގިނަ މުބާރާތްތަކެއް ނުބޭއްވި ދިޔަ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އޮފީހަށް ނުވަދެވުނެއް ކަމަކު، ކުޅުންތެރެންނާއި، އޮފިޝަލުން އަދި ކޯޗުންނަށް ހޯދައިދޭންޖެހޭ ފުރުސަތުތައް ހޯދައިދެމުން އަންނަ ކަމަށް ވީއޭއެމްގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެއެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލައި ނޯމަލައިޒޭޝަން ކޮމިޓީއާ އެސޯސިއޭޝަން ހިންގުން ސްޕޯޓްސް ކޮމިޝަނުން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އޮކްޓޯބަރު މަހު ކުރިއަށް ގެންދިޔަ ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ލަތީފްގެ އިތުބާރު ނެތް ކަމަށް ކްލަބުތަކުން ފާސްކޮށްފައެވެ.

އެކަމަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވީއޭއެމްގެ މައްސަލައިގެ ތެރެއަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ، އެފްއައިވީބީންވެސް ވަނެވެ. އަދި ވީއޭއެމްއާ ގުޅޭ ގޮތުން މީގެ ކުރިން އެފްއައިވީބީގެ ރައީސް ޑރ. އަރީ ގްރާސާ އާއެކު ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ވީއޭއެމްގެ އޮފީހަށް ނުވަދެވޭތާ އެއް އަހަރާ ދެމަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، އެހެންކަމުން އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމަށެވެ. އެކަމަކު ބޭރުގެ މުބާރާތްތަކުގައި ކުޅުންތެރިން ވާދަކުރުމަށް ދައްޗެއް ވިޔަ ނުދޭނެ ކަމަށާއި، އެފްއައިވީބީން ވީއޭއެމްގެ އިންތިޚާބީ ރައީސްގެ ގޮތުގައި ބަލަނީ މިހާރުގެ އިންތިޚާބީ ކޮމެޓީ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ވީއޭއެމަށް ނުވަދެވުނެއް ކަމަކު، ރާއްޖޭގެ ކުޅުންތެރިން މުބާރާތްތަކުގައި ވާދަކޮށް ރިހި މެޑަލް ހޯދައިފައިވާ ކަމަށާއި، އަދި ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުންނަށް ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވޮލީގެ އޮފީހަށް ނުވަދެވި މަސައްކަތް ގާތްގަނޑަކަށް ހުއްޓިފައިވުމުން، ނިމިދިޔަ އަހަރު ބޮޑެތި ގެއްލުންތަކެއްވި ކަމަށާއި، އެގޮތުން ގިނަ މުބާރާތްތަކެއް ނުބޭއްވި ދިޔަ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އަތޮޅުތަކަށް ހުޅުވާލާގެން ބާއްވަން ނިންމި އަތޮޅު މުބާރާތް ނުބޭއްވި ދިޔުމަކީ އަތޮޅުތަކުގައި ވޮލީބޯޅަ ކުޅެމުން އަންނަ ކުޅުންތެރިންގެ އިތުރުން ވީއޭއެމަށް ލިބުނު ގެއްލުމުއްގެ ގޮތުގައި ލަތީބެ ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތެރޭގެ މުބާރާތްތަކުގެ އިތުރުން އެސޯސިއޭޝަން ކަޕްގެ ފިރިހެން މުބާރާތް ބޭއްވިފައިނުވާ ކަމަށާއި، އަދި ޒުވާން ކުޅުންތެރިންނަށް ހުޅުވާލާގެން ފެށި ޔޫތު މުބާރާތްވެސް ބޭއްވިފައިނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އިންޓަރިން ކޮމިޓީއަކުން ވީއޭއެމް ބަލަހައްޓަމުން އަންނައިރު، އެފްއައިވީބީން ވަނީ ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ބަލައިނުގަންނަ ކަމަށާއި އެ ކޮމެޓީން ނިންމާ ނިންމުންވެސް ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ބަދަލުގައި، އިންތިޚާބީ ރައީސް ލަތީފާ މުއާމަލާތުކުރުމަށް ވެސް އެފްއައިވީބީން މީގެ ކުރިން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް