ކޮވިޑް-19 އަށް ރަޝިއާއިން އުފެއްދި ވެކްސިން ރަޖިސްޓްރީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ރައީސް ވިދާޅުވީ ވެކްސިން ދޭން ފެށި އެކަކީ އެމަނިކުފާނުގެ ދަރިކަނބަލުންކަމަށެވެ. އަންގާރަ ދުވަހު އޮތް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ވެކްސިންގެ އަސަރު ރަނގަޅަށް ކުރާކަން ޓެސްޓްތަކުން ހާމަވެފައިވާ ކަމަށެވެ. އަދި ކޮރޯނާވައިރަހުން ދިފާއުވުމުގެ ބާރު މިވެކްސިންގައި ހުންނަ ކަމަށް ޕުޓިން ވިދާޅުވިއެވެ.
ޕުޓިން ތަކުރާރުކޮށް ވިދާޅުވީ ވެކްސިން ކާމިޔާބުތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހަދާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެއް ދަރިކަނބަލަކަށް މިވެކްސިން ދީފައިވާއިރު، ދަރިކަނބަލުގެ ހާލު ރަނގަޅުކަމަށްވެސް ޕުޓިން ވިދާޅުވި އެވެ.
ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެންމެ ފުރަތަމަ މިވެކްސިން ދޭނީ ސިއްހީ މަސައްކަތްތެރިންނާއި، ޓީޗަރުންނާއި އަދި ހައިރިސްކު ގްރޫޕްތަކަށް ކަމަށެވެ.
ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު ރަޝިއާއަކީ އެންމެ ފުރަތަމަ މިވެކްސިން އުފައްދާ ރަޖިސްޓްރީ ކުރި ގައުމެވެ. ރަޝިއާއިން ބޭރު ގިނަ ގައުމުތަކުގެ ސައިންސްވެރިން އަންނަނީ މިވެކްސިންގެ ކާމިޔާބުކަމާމެދު ސުވާލު އުފައްދަމުންނެވެ. އަދި ވެކްސިން އުފެއްދުމުގެ ތިންވަނަ ޓްރެއަލް ފެށުމުގެ ކުރިން ވެކްސިން ރަޖިސްޓްރީ ކުރުމުން އެކަމުގެ ސުވާލުތައްވެސް އަންނަނީ އުފައްދަމުންނެވެ. ފޭސް ތިނެއްގެ ޓްރައަލްގައި އެތައް ހާސް ބަޔަކަށް ވެކްސިން ދިނުމަށްފަހު އެތައް މަސްތަކަކަށް ވައިރަސްގެ އަސަރުކުރަމުންދާ މިންވަރު ބަލަމުންދާނެއެވެ.
ކޮވިޑް ވެކްސިން ރޭހުގައި ރަޝިއާއިން ކުރިހޯދާފައިވާކަން އެގައުމުގެ މީޑިއާއިން ހާމަކުރަމުންދާއިރު، ހުސްވި ހަފުތާގައި އެ ގައުމުގެ ސިއްހަތާ ބެހޭ ސީނިއަރ މިނިސްޓަރ މީޚާއީލް މުރާޝްކޯ ވިދާޅުވެފައިވަނީ މުޅި ރަޝިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް އޮކްޓޯބަރު މަހު ފައްޓަވާނެ ކަމަށެވެ. އެކަމުގެ ހުރިހާ ޚަރަދެއް ކުރާނީ ސަރުކާރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.